މީގެ ދެ ހަފްތާކުރިން ޕަކިސްތާނުގެ ޑޮކްޓަރެއްގެ އިހުމާލުން ޕާކިސްތާނުގެ އެތަށް ބަޔަކަށް އެޗްއައިވީ ޖެއްސި މައްސަލައެއް ފެންމަތިވެފައިވާއިރު ޑޮކްޓަރުގެ އިހުމާލުން އެޗްއައިވީ ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެން މައްޗަށް އަރައިފިކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ޕާކިސްތާނުގައި ޑޮކްޓަރެއްގެ އިހުމާލުން ބޭނުންކޮށްފައި ހުރި އިންޖެކްޝަން ޖެހުމުން ގިނަ އަދަދެއްގެ މީހުން އެޗްއައިވީއަށް ޕޮޒިޓީވްވެފައިވާއިރު މީގެ ތެރޭގައި 410 ކުޑަކުދިން ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފުލުހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިހާރު އެ މައްސަލައާ ގުޅުން ހުރި ޑޮކްޓަރު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕާކިސްތަނުގެ ލަރްކަނާ ސިޓީގެ މުޒަފަރު ގަންހާރޯ ކިޔާ ޑޮކްޓަރެކެވެ. ލަރްކަނާ ސިޓީގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ އެ ޑޮކްޓަރުވެސް އެޗްއައިވީ ބައްޔަށް ޕޮޒިޓީވްވެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ މިއީ މި ޑޮކްޓަރު ގަސްތުގައި ކުރިކަމެއްތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ.

މިކަން ކަމާއި ބެހޭ ފަރާތްތަކުން ސަމާލުކަމަަށް އައިސްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެއީ އެ ސިޓީގެ ޓައުންއެއްގެ 18 ކުދިން އެޗްއައިވީއަށް ޕޮޒިޓިވް ވުމުންނެވެ. އަދި އެ ކުދިންގެ ހަށިގަނޑުން އެތައް ޖަރާސީމުގެ ބާވަތްތަކެއްވެސް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

"މި ބައްޔަށް ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން 90އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނުއިރު، އޭގެ ތެރެއިން 65 މީހުންނަކީ ކުޑަކުދީން". އެ ހިސާބުގަނޑުގެ ހެލްްތް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނީ، މިކަމުގައި އިހުމާލު ވަނީ އެއް ޑޮކްޓަރު ކަމަށާއި، އޭނާ މީހުންގެ ގަޔަށް ބޭނުންކޮށްފައި ހުރި އިންޖެކްޝަން ޖަހަމުން އަންނަ ކަމަށެވެ.