1990 އަހަރުން ފެށިގެން އިންޑިއާއިން ކަޝްމީރުގައި ހިންގާ ގަތުލުއާންމާއި މި ގަތުލުއާންމުތަކުގައި އަނިޔާ ލިބުނު އަދި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހޯދަން އދ ގެ ތިން ސްޕެޝިއަލް ރެޕެޓުއަރުން ލިޔުމުން އެދުމުން އިންޑިއާއިން ޖަވާބުދާރީވާން ދެކޮޅު ހަދައިފިއެވެ.

އިންޑިއާގެ ދަ ވަޔާ ނޫހުން ރިޕޯޓްކުރާގޮތުގައި 2018 ވަނަ އަހަރު އެކަނިވެސް އިންޑިއާގެ ސިފައިން ކަޝްމީރުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ބޭނުން ކުރި ހާލަތާއި ނުބައްދަލު ބާރުގެ ސަބަބުން 13 މީހުން މަރުވި އެވެ. ނަމަވެސް މިހާދިސާގެ ތަފްސީލު ހޯދަން ފޮނުވި ސިޓީއަށް ވެސް އިންޑިއާ ސަރުކާރުން ޖަވާބު ދާރީ ނުވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

އދ ގެ މި ސުވާލުތަކަށް އިންޑިއާއިން ޖަވާބުދާރީ ނުވުމާއިގުޅިގެން އދ ގެ ހިއުމަންރައިޓްސް ކައުސިލުން މިމަހު 18 ވަނަ ދުވަހު ވަނީ އެސައުންސިލުގެ ވެބްސައިޓުގައި އިންޑިއާއިން މި ކަންކަމަށް ޖަވާބު ދާރީ ނުވާކަން ހާމަ ކޮށްފައެވެ.

މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ކަޝްމީރުގައި ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގައި ވަނީ 70000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.

އިންޑިއާއިން ކަޝްމީރާއި ގުޅޭ ގޮތުން އދ އަށް ޖަވާބު ދާރީ ވާން ދެކޮޅު ހަދާފައި ވާއިރު މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލާފައެވެ.