2016 ވަނަ އަހަރު، މުސްލިމުންނައި ދެކޮޅަށް ހަމަނުޖެހުމާއި މާރާމާރީ ހިންގައި، ކޯޓެއްގެ ތެރޭގައި ގާޒީއަކަށް އިންޒާރު ދިން މައްސަލައެއްގައި ޖަލު ޙުކުމެއް ތަންފީޒުކުރަމުންދިޔަ ސްރީލަންކާގެ ހަރުކަށި ބުދިސްޓު ޖަމާޢަތެއް ކަމަށްވާ "ބޮޑުބަލަސެނާ" (ބީބީއެސް) ގެ ވެރިޔާ ގަލަގޮޑަ އައްތެ ގަނަސަރަ އަށް މަޢާފުދީފިއެވެ.

ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސެނާއަށް ލިބިގެންވާ ބާރުގެ ދަށުން ގަލަގޮޑަ އައްތެއަށް މަޢާފުދީ މިނިވަން ކޮށްފައިވާއިރު، އޭނާ މިނިވަންކުރި ސަބަބެއް ސިރިސެނާގެ އޮފީހުން ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން ވަނީ ސިރިސެނާގެ ނިންމެވުމަށް އަމާޒުވެގެން ގޮސްފައެވެ.

ބުދިސްޓު އިސް ހާމުދުރު، ގަލަގޮޑަ އައްތެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޖަލުން ދޫކޮށްލާފައި މިވަނީ ދާދި ފަހުންވެސް ލަންކާގައި ހަރުކަށި ބުދިސްޓު ޖަމާޢަތްތަކުން މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ. އެ ހަމަނުޖެހުންތަކުގައި މުސްލިމަކު މަރާލައި މިސްކިތްތަކާއި މުސްލިމުންގެ ގެދޮރާއި މުދަލަށް ބޮޑެތު ގެއްލުންތަކެއް ދީފައި ވެއެވެ.

ލަންކާގައި ފާހަގަކުރާ ބުދިސްޓުންގެ ޚާއްސަ ދުވަހަކާއި ގުޅިގެން ރައީސް ސިރިސެނާއަށް ލިބިދޭ ބާރުގެ ދަށުން އެޤައުމުގެ 762 ގައިދީއަކު މިދިޔަ ހަފްތާގައިވެސް މިނިވަން ކޮށްފައިވާއިރު، އޭރު މިނިވަން ކުރި މީހުންގެ ތެރޭގައި ގަލަގޮޑަ އައްތެ ނުހިމެނުމުން ބުދިސްޓުން ވަނީ ރުޅިގަދަ ވެގެން އަޑު އުފުލާފައެވެ. އިއްޔެ ގަލަގޮޑަ އައްތެ މިނިވަންކޮށްފައި ވަނީ އޭނާ އާއި ރައީސް ސިރިސެނާ ޖަލުން ބައްދަލުކުރެއްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ލަންކަގެ ވެލިކަޑަ އަވަށުގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ގަލަގޮޑަ އައްތެއަކީ 2016 ވަނަ އަހަރު އެޤައުމުގައި މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ބުދިސްޓުން ހިންގި ހަމަނުޖެހުންތަކުގައި އެންމެ އިސްކޮށް ހުރި މީހާއެވެ. އޭނާގެ އިރުޝާދުގެ މަތިން، އޭނައަށް ތަބާވާ ބުދިސްޓުން އެފަހަރު ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާއި ދެމެދު ދެކޮޅުވެރިކަން އުފައްދައި މުސްލިމުންނަށް އަނިޔާދީފައި ވެއެވެ.

ގަލަގޮޑަ އައްތެއަށް އޭނާ ކުރި ކުށުގައި އިއްވާފައި ވަނީ 19 އަހަރުގެ ޙުކުމެކެވެ. އިއްޔެ އޭނާ މިނިވަންކޮށްފައި ވަނީ އެ ޙުކުމް ލުއިކޮށް އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ހަ އަހަރު ކަމަށް މީގެ ކުރިން ކަނޑައަޅާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ސާބިތުވެ ޖަލަށް ހުކުމްކޮށްފަ ހުރިމީހަކު ވެރިކަމަށް އައިސް ފުރަތަމަ ދުވަހު މިނިވަންކޮށްފަ ފަހުން އެއީ ހެދުނުގޯހެކޭވެސް ވެރިޔަކުބުނި، އެއީ މައްސަލައެއްނޫންތާ!

    13
    3