ދިގު ދެމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބަށް ފަހު މިއަދު ވޯޓް ގުނަން ފަށާފައި ވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ އިން ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރާނެކަން ކަށަވަރު ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަދި އެއްވެސް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާން ނުކުރި ނަމަވެސް "ސީއެންއެން" އިން ބުނާ ގޮތުގައި 291 ދާއިރާ އަކުން ބީޖޭޕީ އޮތީ ކުރީގައެވެ. އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭ ކޯލިޝަނަށް ކުރި ލިބެނީ އެންމެ 50 ދާއިރާ އަކުންނެވެ.

އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 272 ގޮނޑި މޯދީގެ ބީޖޭޕީ އިން ހޯދާނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ.

ބީޖޭޕީގެ މައި އޮފީސް ކައިރިއަށް އެޕާޓީގެ ސަޕޯޓަރުން އެއްވެ މިހާރު ވެސް ވަނީ އުފާފާޅުކުރުން ފަށާފައެވެ.

2014 ވަނަ އަހަރު ބީޖޭޕީ އިން ވަނީ ލޮކް ސަބާގެ 282 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ އެއް ޕާޓީއަކަށް 30 އަހަރު ދުވަސް ތެރޭގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފަހައެވެ. އެފަހަރު ކޯލިޝަންގެ ބައިވެރިންނާއި އެކު މޯދީގެ ސަރުކާރަށް ތާއިދު ކުރާ 336 މެންބަރުން ލޮކް ސަބާ އަށް އިންތިޚާބުވިއެވެ.

މޯދީ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ވެރިކަމަށް އަންނަ ވެގެން 2014 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދުތައް މޯދީ އަށް ފުރިހަމަ ނުކުރެވޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް އިޤުތިޞާދީ ހެޔޮ ބަދަލުތަކެއް ނުގެނެވި ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހ

  ވަގު ވޯޓު

  15
 2. އަފްލާ

  ރޭޕްރޭސް މޯދީގެ ފަހަތުން ދިވެހި ރާއްޖެ ދުވާނެގޮތް އަނެއްކާ ތިޔަވީ

  14
 3. ބީރާ

  އިންޑިޔާގެ މުސްލިމުންނަށް ވަކިން ޙާއްޞަކޮށް ކަޝްމީރުގެ ރައްޔިތުންނަށް އިންތިހާއަށް ބިރުވެރި ޚަބަރަކަށް ވާނެކަން ޔަޤީނެވެ.

  20