ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުން ކަވަރު ކުރުމުގެ މަސައްކަތްކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ސްކައި ނިއުސްގެ ނޫސްވެރިންނަށް ސީރިޔާ ސިފައިން ހަމަލާދީފިއެވެ.

މިކަން ހާމަކޮށް ސްކައި ނިއުސް ގައި ބުނެފައިވަނީ، އެ ނޫހުގެ ނޫސްވެރިންނަށް ސީރިޔާ ސިފައިން ހަމަލާ ދިނީ އިދްލީބުގައި އޮންނަ ސުލްޙަވެރި އަވަށެއް ކަމަށްވާ އަލް ހަބިތްގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ހަމަނުޖެހުމެއް ހިނގަމުން ނުދާ ސުލްޙަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އެ އަވަށަށް ޓޭންކު ބޭނުންކޮށްގެން ސީރިޔާ ސިފައިން ހަމަލާ ދީފައިވަނީ އެ ސަރަޙައްދުގައި ނޫސްވެރިން ހަރަކާތްތެރިވަމުން ދިޔަކަން އެނގިތިބެ ކަމަށް ސްކައި ނިއުސް އިން ބުނެއެވެ. މި ހަމަލާ ދިން ވަގުތު ސްކައި ނިއުސްގެ ނޫސްވެރިން ތިބީ ސީރިޔާގެ ސިޔާސީ ދެ އެކްޓިވިސްޓަކާއެކު ކަމަށް އެ ނޫހުން ބުނެއެވެ.

ސްކައި ނިއުސްގެ ޓީމުން ބުނެފައިވާގޮތުގައި މި ހަމަލާ ދިނުމުގެ ކުރިން ސީރިޔާ ސިފައިންނާއި އެކު ހަނގުރާމައިގައި ބައިވެރިވަމުންދާ ރަޝީޔާގެ ޑްރޯނެއް ވަނީ އެ ސަރަޙައްދުގެ މަތިން ދަތުރުކޮށް ބައްދަލުވުން ކުރިޔަށް ދިޔަ މަންޒަރު ބަލާފައެވެ. ސީދާ އެ ބައްދަލުވުން ކުރިޔަށްދިޔަ ތަނަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އޭގެ ފަހުން ގިނައިރުތަކެއް ނުވެކަމަށް ނޫސްވެރިން ބުނެފައި ވެއެވެ.

މި ހަމަލާގައި ސްކައި ނިއުސްގެ ނޫސްވެރިންނަށް އަނިޔާއެއް ނުލިބި ސަލާމަތްވެފައި ވާއިރު، ނޫސްވެރިންނާއި އެކު ތިބި ދެ އެކްޓިވިސްޓުންގެ ތެރެއިން އެކަކަށް ޒަޚަމްތަކެއް ލިބިފައި ވެއެވެ. އޭނާ ޒަޚަމްވީ ޓޭންކް ބޭނުންކޮށްގެން ހަމަލާ ދިންވަގުތު ބުރައިގެން އައި ދަގަނޑުކޮޅެއް އޭނާގެ މެޔާއި ދިމާލުގައި ޖެހިގެންނެވެ. ސްކައި ނިއުސް އިން ވަނީ ހަމަލާ ދިން ވަގުތުގެ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯ ވެސް ނޫހުގައި އާންމުކޮށްފައެވެ.

ސިރިޔާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ބަޝާރުލް އަސަދުގެ ސަރުކާރުން އެޤައުމުގެ އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާދީ ޤައުމު ސުންނާފަތި ކުރަމުން ދަނީ އޭނާގެ ބާރު ކެނޑިފައިވާ އަވަށްތައް އަނބުރާ އޭނާގެ އަތްދަށަށް ގެނައުމުގެ ގޮތުންނެވެ. މި ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ މަގްސަރުގައި ބަޝާރު ދަނީ ރަޝިޔާ ސިފައިންގެ އެހީތެރިކަން ހޯދަމުންނެވެ. މިހަމަލާތަކުގެ ބަދަލުގައި ކަމަށް ބުނެ ސީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތްތަކުން ވެސް ދަނީ އާންމުން ދިރިއުޅޭ ތަންތަނަށް ބެލުމެއް ނެތި ހަމަލާދީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުންނެވެ.

ސީރިޔާގެ ބަޝާރަށް ވަފާތެރި ސިފައިންނާއި ރަޝިޔާއިން އެޤައުމުގައި ހަރަކާތްތެރިވަމުންދާ ސިފައިން އަދި އެޤައުމުގައި އުޅޭ ނިރުބަވެރި ޖަމާޢަތްތަކުން، އާންމުން ދިރިއުޅޭ އަވަށްތަކަށް ހަމަލާތައް އަމާޒުކުރަމުންދާއިރު، އެޤައުމުގެ ބައެއް އަވަށްތައް ވެފައި ވަނީ މިވަގުތު މުޅި ދުނިޔޭގައިވެސް، ދިރިއުޅުމަށް އެންމެ ނުރައްކާތެރި ސަރަޙައްދުތަކަށެވެ. ބަޝާރުގެ ސިފައިން ދަނީ ސީރިޔާގެ އާންމުންގެ ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލް އަދޮ މާރުކޭޓު ފަދަ ތަންތަނަށްވެސް ހަމަލާތައް އަމާޒުކުރަމުންނެވެ. މިކަމުގެ ސަބަބުން އެޤައުމުގެ އަވަށްތަކުން އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

މި ހަމަލާތަކުގައި މީގެ ކުރިން ގިނަ އަދަދެއްގެ ކުށެއްނެތް އާންމުންވެސް ވަނީ މަރުވެފައެވެ. ސްކައި ނިއުސްގެ ނޫސްވެރިންނަށް މިއަދު ހަމަލާތައް އަމާޒުވި އިދްލީބުގައި އެކަނިވެސް ތިން މިލިއަނަށްވުރެ ގިނަ އާންމުން ގެދޮރުގެއްލި ހާލުގައި ޖެހިފައި ވެއެވެ.