ފަލަސްތީނުގެ ޣައްޒާގައި މުސްލިމުންގެ ހައްޤުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާޢަތުގެ ލީޑަރުންގެ ޓީމަކުން މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު އާއި ބައްދަލު ކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު މެލޭޝިއާގެ ޕުތްރަޖަޔާ ސިޓީގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ހަމާސްގެ ލީޑަރުން ވަނީ ޣައްޒާ އާއި ފަލަސްތީނުގެ އާންމު ރައްޔިތުން އުޅެމުންދާ ނުރައްކާތެރި އަދި ބިރުވެރި ހާލަތު މަހާތީރަށް ކިޔައިދެއްވާފައެވެ.

އެއްގަޑިއިރަށް ކުރިޔަށްގެންދިޔަ މި ބައްދަލުވުމުގައި ހަމާސްގެ ޗެއާޕާސަން، ޚާލިދު މީޝާލް ހިމެނިވަޑައިގަންނަވާ ގޮތަށް ހަމާސްގެ އަށް ލީޑަރަކު ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޚާލިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދެޤައުމު ގުޅިގެން ކުރެވެން އޮތް ކަންކަމާއި މެދު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން، ފަލަސްތީނުގެ ބިން ފޭރިގަނެ އަދިވެސް އިތުރު ބިންތައް ފޭރެން ކުރާ މަސައްކަތްތަކާއި އެކު މުސްލިމުންނަށް ކެނޑިނޭޅި ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް މެލޭޝިއާގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައިވާނެ ކަމަށްވެސް ޚާލިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން ފަލަސްތީނުގެ މުސްލިމުންގެ ބާރު އަމިއްލަ ވަޒަނުން ކަނޑުވާލުމަށް އެމެރިކާއިން މިހާރު ހަދާފައިވާ ގަރުނުގެ އެއްބަސްވުމާއި ބެހޭ ގޮތުން. އަދި ނާއިންސާފުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިނގަމުންދާ ކަންކަން ނިމުމަކަށް ގެނައުމަށް މެލޭޝިއާގެ އެހީތެރިކަމަށްވެސް އެދިފައި ވާނެ،" ޚާލިދު ވިދާޅުވިއެވެ.

ބައްދަލުވުމުގައި ދެއްކެވި ފާހަކަފުޅުގައި ބޮޑުވަޒީރު މަހާތީރު ވަނީ ފަލަސްތީނާއި މެލޭޝިއާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެޤައުމުގެ 12 ޔުނިވާސިޓީއަކުން ފަލަސްތީނުގެ ދަރިވަރުންނަށް ސްކޮލަޝިޕް ދޫކުރުމަށްވެސް މި ބައްދަލުވުމުގައި މަހާތީރު ވަނީ ނިންމަވާފައެވެ. މެލޭޝިއާ އިން ފަލަސްތީނުގެ ދަރިވަރުންނަށް ދޭން ހަމަޖެއްސި ސްކޮލަޝިޕްތަކުގެ ޖުމްލަ އަގު، 2.7 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ބުދަ ދުވަހުގެ ބައްދަލުވުމަށް ހަމާސްގެ ލީޑަރުން މަހާތީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ބައްދަލުކުރެއްވުމަށް ފަހު ހަމާސްގެ ލީޑަރުންނާއި އެކު ރޯދަވީއްލުމެއްގައި ވެސް މަހާތީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނިޝް

    އިބޫ ސޯލިހު.. އެބަފެނޭތަ ހަގީގީ މުސްލިމު ވެރީން ގުޅުން ބަހައްޓާ ފަރާތްތަކާއި އަމަލު ކުރާގޮތްތައް..ރާއްޖެގެ ރައީސާއި ބައްދަލުކުރަން ޚަމާސް އެދިއްޖެނަމަ އެޕޮއިންޓުމަންޓެއްވެސް ނުދޭނެ.. އަދި ކޮންމެވެސް ބަހަނާތަކައް ދައްކާނީ.. އެކަމަކު އިންޑިޔާގެ ހިންދޫ ލީޑަރުންނާއި އިޒުރޭލުގެ ޑިޕުލޮމެޓޫންނާއި މީސްމީހުންނާއި ބައްދަލުކުރާނެ ޝައުގުވެރިކަމާއި އެކު.

    21
    1
  2. ރާއްޖެތެރެ

    މި ޤައުމުގެ ރައިސް އުޅެނީ އިންޑިޔާގެ އަޅަކަ ވެގެން.