އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ މައްސަލަ ނިންމަން އެކި ގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވެ، ގޮތްހުސްވުމުން އިސްތިއުފާ ދެއްވަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މެއި ނިންމަވައިފިއެވެ.

ޑައުނިން ސްޓްރީޓްގެ ނަމްބަރ 10 ގެ ބޭރުގައި ދެންމެ ދެއްވި ބަޔާނެއްގައި މެއި ވިދާޅުވީ ޖޫން މަހުގެ 07 ވަނަ ދުވަހު އެކަމަނާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އާބެފުޅަކު އިންތިޚާބު ކުރެވެން ދެން ބޮޑުވަޒީރު ކަމުގައި ހުންނަވާނެ ކަމަށް މެއި ވިދާޅުވިއެވެ.

މެއި ވިދާޅުވީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވަން އެކަމަނާ އަށް ކުރެއްވެވެން ހުރި ހުރިހާ މަސައްކަތްޕުޅެއް ކުރެއްވެވިއެވެ. ނަމަވެސް ހައްލެއް ނުލިބުމުން މިއީ މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހޭ ވަގުތު ކަމަށް ގަބޫލުފުޅު ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.

މެއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ 2016 ވަނަ އަހަރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ރައްޔިތުން ނިންމުމުންނެވެ. އެނިންމުމާއި އެކު ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާ ދެއްވުމުން ދެން ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ މެއި އެވެ.

މެއި މިއަދު އިސްތިއުފާ އިއުލާން ކުރެއްވިއިރު ފަހަކަށް އައިސް ބައެއް ވަޒީރުން ވެސް ވަނީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް މެއި ގެންގުޅުއްވާ ސިޔާސަތާއި ދެކޮޅު ހައްދަވާފައެވެ. ނަމަވެސް މެއިގެ އިސްތިއުފާ އަށް ފަހު ވަރަށް ގިނަ ވަޒީރުން ގެންދަވަނީ މެއި ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވާ ޓްވީޓްތައް ކުރައްވަމުންނެވެ.