ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސް ހިމެނޭ ސަރަޙައްދަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ހޫނުގަދަވެ ނުރައްކާ މިންވަރަކަށް ހޫނުމިން މަތިވެފައި ވަނިކޮށް މިއަދު އެ ސިޓީގައި ހުންނަ މުސްލިމުންގެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްސާއަށް ނަމާދަށް ދިޔަ މީހުންނަށް މިސްކިތަށް ވަދެނަނުދީ ހުރަސް އަޅައިފިއެވެ.

އިސްރާއިލް ސިފައިން މިއަދު ހުކުރު ނަމާދު ވަގުތާއި ދިމާކޮށް މަސްޖިދުލް އަޤްސާ ހިމެނޭ ސަރަޙައްދުގައި ސިފައިން ބައިތިއްބައިގެން ފޯރިމަރަމުން ދިޔައިރު، ރޯދައަށް ތިބެ ދުރު ހިސާބުތަކުން ދަތުރުކޮށްފައި އެ މިސްކިތަށް ނަމާދުކުރަ ދިޔަ ކުދިބޮޑު މީހުންނަށް މިސްކިތަށް ވަނުމަށް ހުރަހަކަށްވެ އެފަރާތްތަކަށް އަވީގައި ތިބެން މަޖުބޫރުކުރިވިއެވެ.

މިކަމާއި ގުޅިގެން އިސްރާއިލް އިން އަތްގަދަކޮށްފައިވާ ޤުދުސްއަށް ވަންނަ ހިސާބުން ފަލަސްތީނުގެ ޤަލަންދިޔާ އަވަށުގައި ޤާއިމްކޮށްފައިވާ އިސްރާއިލްގެ ޗެކްޕޮއިންޓެއްގެ ކައިރިން މަގުމަތީގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ނަމާދުކޮށްފައެވެ.


މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީޑީއާތަކުން ދައުރުކުރަމުން ދާއިރު، ގަދަ އަވީގައި ތިބެން ޖެހުނު ނަމަވެސް ގިނަ ބަޔަކު އުފަލުން ތިބި މަންޒަރު ފެނިގެން ދިޔައެވެ. އެގޮތުން ގަދަ އަވީގައި ތިބެން ޖެހުމުން ކުޑަކުދިންނާއި ބައެއް ޒުވާނުން، އެއްވެ ތިބި މީހުންނާއި ދިމާލަށް ފެން ޖަހާ މަންޒަރު ފޮޓޯތަކުން ވަނީ ފެނިފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ސަރަޙައްދުގެ ހޫނުމިން އާދަޔާއި ޚިލާފަށް މަތިވުމުގެ ސަބަބުން އިސްރާއިލްގެ ބައެއް ސަރަޙައްދުތަކާއި އެޤައުމުގެ ޔަހޫދީން އަތްގަދަކޮށްފައިވާ ބައެއް ސަރަޙައްދުތަކުގައި ދަނީ ރޯވެ އަނދަމުންނެވެ. މިގޮތުން ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިފައިވާއިރު، އަލިފާން ކޮންޓްރޯލް ކުރުމަށް ޤައުމުތަކުގެ މަދަދަށްވެސް އިސްރާއިލް އިން ރޭ އެދިފައި ވެއެވެ.

ހުކުރު ދުވަހާއި ދިމާކޮށް ގިނަ އަދަދެއްގެ ފަލަސްތީނުގެ މުސްލިމުން މަސްޖިދުލް އަޤްސާއަށް ހުކުރު ނަމާދަށް ޒިޔާރަތްކުރާނެކަން އެނގޭތީ ޔަހޫދީ ސިފައިން މާ ކުރިން ވަނީ އެ މިސްކިތަށް ވަދެވޭ ހުރިހާ ދޮރެއް ބަންދުކޮށް ގިނަ ހިސާބުތަކުގައި ބެރިކޭޑް ޖަހާފައެވެ. މިކަމާއި ގުޅިގެން ނަމާދަށް ދިޔަ އެތައް ސަތޭކަ ބަޔަކަށް މިސްކިތާއި ހަމައަށް ދެވޭގޮތް ނުވެ މިސްކިތުގެ ބޭރުގައި ތިބެން ޖެހުނެވެ.

މިއަދު އިސްރާއިލް ސިފައިން މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ހިންގި މި ޖަރީމާ އާއި ގުޅިގެން މިސްކިތަށް ދިޔަ ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ރަހީނުކޮށްގެން ދިޔަކަމަށް ފަލަސްތީނުގެ ބައެއް މީޑިއާތަކުން ބުނެއެވެ.

އިސްރާއިލް ސިފައިން ދަނީ ކޮންމެ ހުކުރު ދުވަހަކާއި ދިމާކޮށް ނަމާދަށްދާ މުސްލިމުންނަށް މިފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.