އިސްރާއިލްގެ އަވަށްތަކުގައި ފުރަތަމަ ރޯވެ ފެތުރެން ފެށީ، ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި މުސްލިމުން ދަނޑުގޮވާން ކުރުމަށް ބޭނުންކުރި ދަނޑުބިންތައް ހަލާކުކޮށް އެތަންތަނަށް ގެއްލުންދިނުމުގެ ނިޔަތުގައި ޔަހޫދީންގެ ބަޔަކު ރޯކުރި އަލިފާންކަން ފަޅާއަރައިފިއެވެ.

އިސްރާއިލްގެ މެދުތެރޭ ސަރަޙައްދުގެ ގިނަ އަދަދެއްގެ އަވަށްތަކަށް މި އަލިފާންގަނޑު ފެތުރި އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކަކާއި ޔަހޫދީންނަށް ކުރިމަތުވަމުންދާއިރު، ހާދިސާ އާއި ގުޅިގެން އެމީހުންގެ ތުހުމަތުތައް ފުރަތަމަވެސް އަމާޒުކުރީ ފަލަސްތީނުގެ މުސްލިމުންނަށެވެ. އެގޮތުން، އިސްރާއިލްގެ އަވަށްތަކުގައި އަލިފާން ރޯކުރީ މުސްލިމުންގެ ބަޔަކު ކަމަށް ބުނެ އެޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބަޔާންތައްވެސް ނެރެފައެވެ.

މި ބަޔާން ނެރުނުތާ ގިނައިރެއް ނުވަނީސް، އިސްރާއިލްގެ ހައްޤުތަކާއި ބެހޭ މިނިވަން ޖަމިއްޔާއަކުން ވަނީ ރޯވެ އަނދަމުންދާ ފަލަސްތީނުގެ ފޭރިގަނެފައިވާ ބިމެއްގައި ދިރިއުޅެމުންދިޔަ އިސްރާއިލް އަށް ނިސްބަތްވާ ޔަހޫދީންގެ ބަޔަކު މުސްލިމުންގެ ދަނޑިބިންތަކުގައި ރޯކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެއާއެކު މިހާރު އިސްރާއިލްގެ އެތައް އަވަށެއް އަނދައި އަޅިޔަށް ވަމުން ދަނީ އެމީހުން މުސްލިމުންގެ ދަނޑުބިންތަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ރޯކުރި އަލިފާނުންކަން ވަނީ ހާމަވެފައެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ޔަހޫދީންގެ ވިއްސަކަށް މީހުންވެގެން ފަލަސްތީނުގެ ބިންތަކުގައި ހުރި ހިކި ވިނަތަކެއްގައި ރޯކުރާ މަންޒަރެވެ. ހުޅަނގު އައްސޭރީގެ ސަރަޙައްދެއްގައި ރޯކުރާ އެ މަންޒަރު ފެންނަ ވީޑިއޯގައި ޔަހޫދީންގެ އެކަކު ހަތިޔާރެއް ގެންގުޅުނު މަންޒަރުވެސް ފެނެއެވެ. މި ވީޑިއޯއާއެކު އިސްރާއިލްގެ ސަލާމަތީ އިދާރާތަކުން ނެރުނު ބަޔާންވެސް ފަހުން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރި ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ފަލަސްތީނުގެ ފޭރިގަނެފައިވާ ބިންތަކުގައި ޤާއިމްކޮށްފައިވާ އިސްރާއިލްގެ ގެތަކުގައި އުޅޭ ޔަހޫދީން މުސްލިމުންގެ ދަނޑުބިންތަކަށް ގެއްލުންދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެ ގެތަކާއި ކައިރި ހިސާބުތަކުގައި ހުންނަ، މީގެ ކުރިން ފަލަސްތީނުގެ މުސްލިމުން ބޭނުންކުރި އެފަދަ ގިނަ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުންދީ ހަލާކުކުރާ މައްސަލަތައް ފެންމަތިވެފައި ވެއެވެ. މިފަދަ މައްސަލަތައް އިސްރާއިލްގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންދިޔަ ނަމަވެސް އެފަރާތްތަކުން އެކަމާއި މާބޮޑު ސަމާލުކަމެއް ދީފައި ނުވާއިރު، ފަލަސްތީނު ރައްޔިތުންގެ ތަކެއްޗާއި ދަނޑުބިމަށް ގެއްލުން ދިނުމުގައި އިސްރާއިލްގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުން ކެނޑިނޭޅި ދަނީ އާންމުންނާއެކު ބައިވެރިވަމުންނެވެ.

މީގެ ދެދުވަސްކުރިން ނުރައްކާ މިންވަރަކަށް އިސްރާއިލްގައި ފެތުރެންފެށި އަލިފާނުގައި އެޤައުމުގެ އަވަށްތައް އަނދައި ހުލިވެފައިވާއިރު، އިސްރާއިލްގެ ޔަހޫދީން ދިރިއުޅޭ ގެދޮރާއި ވެހިކަލްތަކާއި އެމީހުންގެ މުދާ ވަނީ އަލިފާނުގައި އަޅިޔަށް ވެފައެވެ. މި އަލިފާނުގެ ނުރައްކަލަށް މިހާތަނަށް އެޤައުމުގެ ހަ އަވަށަކުން މީހުން ހުސްކޮށްފައި ވެއެވެ. އަދި 3500 އަށްވުރެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވެއެވެ. އަލިފާންގަނޑު ކޮންޓްރޯލެއް ނެތި އަދިވެސް އިތުރަށް ފެތުރި ޔަހޫދީންގެ އެތައް ބަޔަކަށް ނުރައްކާ ކުރިމަތި ކޮށްފައިވާތީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ އަލިފާން ނިއްވުމުގައި ޤައުމުތަކުގެ އެހީ އާއި މަދަދަށް ވެސް އެދިފައެވެ.

މި ނުރައްކާތެރި ހާލަތު އިސްރާއިލްގެ ޔަހޫދީންނަށް ކުއްލި ގޮތަކަށް ކުރިމަތިވެ ގެދޮރު ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ދާން މަޖުބޫރުވެފައި މިވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ރޯދަމަހާއި ދިމާކޮށް ޣައްޒާގެ ނިކަމެތި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައްދީ މުސްލިމުންގެ ގެތައް ގޮއްވާލައި ސުންނާފަތިކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ފަލަސްތީނުގެ 25 މުސްލިމަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިރާން

    މިކަން އެނގޭއިރުވެސް ފަލަސްތީނުން އިޒްރޭލަށް އެހީވާން ނިންމައިފި. މީގެކުރިންވެސް ހަމަމިހެން އަލިފާން ރޯވެގެން އެހީއަށް އެދުނީމަ އެންމެ ފުރަތަމަ އިސްނެގީ ފަލަސްތީނުން. މިވަރުންވެސް ޔަހޫދީންނަކަށް އެއްޗެއް ވިސްނޭ ކަމަކަށް ނުވޭ.

    132
    1
  2. ސީނު

    އިޒްރޭލލް އަނދާ ހުލިވުން އުންމީދަކީ.....އިޒްރޭލް މުޅިން ފަނާކޮށްދެއްވާފާންދޭވެ..އާމީން

    60
    4
    • އަހުން

      މި ކޮމެންޓަށް ޑިސްލައިކް ދިނީ މިސްލިމެއްތަ؟
      ހައިރާން ހީވޭ...

      11
      2
      • 1111

        އެއީ ޔަހޫދީނަނަކަސް އެމީހުންގެ ތެރޭގަވެސް އުޅޭނެދޯ ތި ހަނގުރާމަތަކާއި އަނިޔާތަކަށް ނުރުހޭ މައުސޫމު މީހުން. ވަކިބަޔަކު ކުރާކަމުގެ އަދަބު އެންމެންގެ މައްޗައް ލިބުން އެދެނީތަ؟ ތިޔައީވެސް އަނިޔާ ވެރިވުން. ތިޔައީ ވަކި ﷲ ސޥ ރުހިވޮޑިގަންނަވާނޭ މަގެއްނޫން.

        9
        4
  3. ތެދު

    މހރ ނޫހުން މިކަމާއި ގުޅޭ ގޮތުން އިޒްރާއީލް ބާގައިގެ މީހުން އިނޮސެންޓް ކަމުގައި ދައްކަން ރިޕޯޓު ނެރެން ފަށަނީ ކޮން އިރަކު ތޯ ؟
    މި ނޫހުގައި މިލިޔުން ފެނިފައި އެބައިގަނޑު ވަރަށް މޭކަރާނެ ކަން ކަށަވަރު.

    4
    1
  4. ޑިސްލައިކް

    ޑިސްލައިކް ދިނީ ޔަހޫދީންއަށް ވާގި އެދޭ އެއްޗެއް

    10
    1