އަންނަ ޖޫން މަހު އެމެރިކާއިން މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ބަހްރެއިންގައި ބާއްވަން ތައްޔާރުވަމުންދާ ވިޔަފާރީގެ ސަމިޓު ބޮއިކޮޓް ކުރުމަށް ފަލަސްތީނުގެ މުސްލިމުންގެ ހައްޤުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާޢަތުން މުސްލިމް ޤައުމުތަކުގައި އެދިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަހްރެއިންގެ ވެރިކަންކުރާ މަނާމާގައި އަންނަ މަހު އެމެރިކާއިން ބާއްވާ ސަމިޓަކީ، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް، އެޤައުމުގެ ބިމަށް ވެރިވެގަތުމުގެ މަގްސަދުގައި އިސްރާއީލަށް ވާގިވެރިވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލާފައިވާ "ގަރުނުގެ އެއްބަސްވުން" ޕްރޮމޯޓްކޮށް އެކަމުގައި އަރަބި ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށް ބާއްވާ ސަމިޓެއް ކަމަށެވެ.

ހަމާސް އިން ބުނެފައިވާގޮތުގައި މުސްލިމުންނާއި ދެކޮޅަށް އިސްރާއިލް އާއި އެމެރިކާއިން ގުޅިގެން ނެރެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ އަކީ އަންނަ މަހު ބާއްވާ ސަމިޓު ކަމަށެވެ. އަދި އެ ސަމިޓުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އެކުލަވާލި އެ އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކާނެކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

"އެމެރިކާއިން ބަހްރެއިންގައި ސަމިޓެއް ބާއްވާކަން އެނގުނު ހިސާބުން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެގެން ގޮސްފައި. މިއީ އިސްލާމީ ޤައުމުތަކުގެ މަދަދު ލިބިގަތުމަށް ޤައުމުތަކާއެކު ޑީލް ހެދުމަށް ބާއްވާ ސަމިޓެއްކަން އަޅުގަނޑުމެންނަށް އެނގޭ،" ހަމާސްގެ ބަޔާނުގައި ވެއެވެ.

އެމެރިކާއިން އެކުލަވާލި އެއްބަސްވުމުގައި ވާގޮތުން "ނިއު ފަލަސްތީން" ނަމަކަށް ކިޔާ ގައުމެއް އުފައްދަން ވަނީ ނިންމާފައެވެ. އެއީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ މައްޗަށް ބާރު ހިންގާ ގައުމެއް ކަމަށާއި ނަމަވެސް މިހާރު ހުޅަނގު އައްސޭރިން އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދު ދެމިއޮންނާނީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ކަމަށް އެއްބަސްވުން ބުނެއެވެ.

ގުދުސް އަކީ ނިއު ފަލަސްތީން އާއި އިސްރާއީލްގެ ވެސް ވެރިރަށް ކަމަށާއި ނަމަވެސް އެއީ އެއްވެސް ގައުމެއްގެ ރަށަކަށް ނުވާނެ ކަމަށް އެއްބަސްވުން ބުނެއެވެ. ނަމަވެސް ގުދުސްގެ މުނިސިޕަލް ހުރިހާ ބާރެއް އޮންނާނީ އިސްރާއީލް ސަރުކާރަށް ކަމަށް ވެސް އެއްބަސްވުން ބުނެއެވެ. އަދި އޭގެ އިތުރުން ފަލަސްތީނުގެ ދިފާއުގައި ސިފައިން ތިބެން ނުޖެހޭނެ ކަމަށާއި، ހުރިހާ ގޮތަކުން ފަލަސްތީނު އަޅުވެތި ކުރަން މަޖުބޫރު ކުރާ މާއްދާތައް އެއްބަސްވުމުގައިވެއެވެ.

މެދުއިރުމަތީގައި އޮންނަ ބަހްރެއިންގައި އަންނަ މަހު އެމެރިކާއިން ވިރަފާރީގެ ބޭނުމަށް ކަމަށް ބުނެ ބާއްވާ ސަމިޓުގައި ގަރުނުގެ އެއްބަސްވުމާއި ގުޅޭ ޑީލްތަކެއް އަރަބި ޤައުމުތަކަށް ހުށަހަޅައި އެ ޤައުމުތަކާއެކު ހެދުމަށް ތައްޔާރުވަމުން ދަނީ، ގަރުނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަރަބި ބޮޑެތި ގައުމުތަކުން ފަލަސްތީނަށް ޕްރެޝަރު ކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.