އިންޑޮނީޝއާގެ ފަތުރުވެރި މަންޒިލެއް ކަމަށްވާ ބާލީގެ ބޮޑު އަލިފާން ފަރުބަދަ، މައުންޓް އަގަންގް ގޮވަން ފަށައިފިއެވެ. މީގެ ކުރިންވެސް ގޮވާފައިވާ މި އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވާފައި ވަނީ ރޭ އިންޑޮނީޝިއާ ގަޑިން 7:23 ހާއިރު އެވެ.

މި އަލިފާން ފަރުބަދަ ގޮވަން ފެށުމާއި ގުޅިގެން، އެކަމުގެ އަސަރު ކައިރީގެ ބައެއް ހިސާބުތަކަށް ކުރަމުންދާއިރު، ފަރުބަދަ ހިމެނޭ ސަރަޙައްދުން ފަށައިގެން ތިން ކިލޯމީޓަރަށް ގޮވުމުގެ ތެރެއިން ބުރައިގެންދާ ހިލަކޮޅުތަކާއި ދިޔާ އަލިފާނުގެ އަސަރު ކުރަމުންދާ ކަމަށް އިންޑޮނީޝިއާގެ އިދާރާތަކުން ބުނެއެވެ.

މި އަލިފާން ފަރުބަދަ ގޮވައި އަނދަމުންދާއިރު ވައި ހުރިގޮތުން ދުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ފަރުބަދައިގެ ދެކުނު ފަޅީގެ ސަރަޙައްދުތަކަށެވެ. މިކަމުގެ ސަބަބުން ބޯ ދުމާއި ހިރަފުހުގެ އަސަރު އެ ފަޅީގައި އޮންނަ ވިހި އަވަށަކަށް ކުރާނެ ކަމަށް އިންޑޮނީޝިއާގެ ޑިޒާސްޓާ މިނިގޭޝަން އޭޖެންސީން ބުނެއެވެ.

މި އަލިފާން ފަރުބަދަ ގޮވައި ދިޔާ އަލިފާން ބޭރުވަމުން ދާތީ ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި އަލިފާން ފަރުބަދަ އާއި މާބޮޑަށް ކައިރި ނުވުމަށް، ދަތުރުކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް އިންޑޮނީޝިއާގެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރޭގެ ވަގުތެއްގައި މައުންޓް އަގަންގް ގޮވަން ފެށުމާއި ގުޅިގެން ބާލީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ފްލައިޓުތަކާއި އެ އެއާޕޯޓުން އެހެން ސަރަޙައްދުތަކަށް ފުރަން ހަމަޖެހިފައިވާ ފްލައިޓުތައްވެސް ވަނީ ކެންސަލްކޮށްފައެވެ. މިއީ މައުންޓް އަގަންގް ގޮވި ފަސް ވަނަ ފަހަރެވެ.