ގުޅުން ގޯސްވެފަައި ވަނިކޮށް އިންޑިއާއިން އެގައުމާއި ހަތުރުވެރި ޕާކިސްތާނުގެ ބޯޑަރު ކައިރީ 500 ކިލޯގެ ގައިޑެޑް ބޮމެއް ޓެސްޓްކޮށްފިއެވެ.

އިންޑިއާއިން މި ބޮން ޓެސްޓްކުރީ ޕާކިސްތާނުން މިދިޔަ ހުކުރު ދުވަހު ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ އިންޑިއާއިން ޓެސްޓް ކުރި މި ބޮމަކީ 30 ކީލޯމީޓަރުގެ ޜޭންޖަކަށް ދަތުރުކޮށް ސީދާ އަމާޒަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ބާރުގަދަ ބޮމެއް ކަމަށެވެ.

ޕާކިސްތާނުން މިދިޔަ ހުކުރު ދުވަހު ޓެސްޓް ކުރި ޝާހީން 2 ނަމަކަށް ކިޔާ ބެލެސްޓިކް މިސައިލަކީ 2750 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. ޕާކިސްތާނުގެ ވައިގެ ސިފައިން ބުނާގޮތުގައި މި މިސައިލް ބޭނުންކޮށްގެން އިންޑިއާގެ ދެ ޖަޒީރާއެއް ކަމަށްވާ އެންޑަމަން އަދި ނިކޯބާ އައިލެންޑްސް އަށް ހަމަލާދެވޭނެއެވެ.

ޕާކިސްތާނުން ބުނާގޮތުގައި މި ބެލެސްޓިކް މިސައިލަކީ ނިއުކިލިޔާ ބޮންވެސް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބެލެސްޓިކް މިސައިލެކެވެ. ޕާކިސްތާނުން މި މިސައިލް ޓެސްޓް ކުރީ އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާއާއި ދިމާކޮށެވެ.

ނިއުކުލިޔާ ދެބާރު ކަމުގައިވާ އިންޑިއާ އަދި ޕާކިސްތާނުން ނުރައްކާތެރި ހަތިޔާރު ތަކެއް ޓެސްޓް ކޮށްފައިމިވަނީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލުމާ ގުޅިގެން ޕާކިސްތާނާއި އިންޑިއާ ދެމެދު ކުރިމަތިލުމެއް ހިންގާފައި ވަނިކޮށެވެ.

އިންޑިޔާއިން ތަކުރާރުކޮށް ބުނަމުންދަނީ މި ހަމަލާއަކީ ޕާކިސްތާނުގެ މޭސްތިރި ކަމުގެ ދަށުގައި ދެވުނު ހަމަލާއެއް ކަމަށެވެ. ނަމަވެސް، މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު