އެމެރިކާގެ މެސުރީއަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި އެ ސްޓޭޓުގެ 20 މޭލުގެ ސަރަހައްދެއް ސުންނާފަތިކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގަޑިއަކު 163 މޭލު ބާރުމިނުގައި ވައިޖެހުނު މި ނަގޫރޯޅީގައި މެސުރީގެ ވެރިކަން ކުރާ ސިޓީ ޖެފަސަން ސިޓީގެ އެއްމޭލުގެ ސަރަހައްދެއް ވެސް މުޅިން ސުންނާފަތިވިއެވެ. މި ސިޓީ އަކީ 42,000 މީހުންގެ އާބާދީއެއް އޮންނަ ސިޓޯއެކެވެ.

މި ނަގޫރޯޅި އެރި އިރު އިންޒާރުގެ މެސެޖުތަކެއް ދެވިފައި ނުވުމުން ގިނަ ބަޔަކު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ކުރީބައިގައި ނާޅައެވެ. ނަގޫރޯޅީގައި އުމުރުން ދުވަސްވީ ދެމަފިރިއަކު ވަނީ މަރުވެފައެވެ. އެމީހުންގެ ހަށިގަނޑު ފެނުނީ ދިރިއުޅެމުން ދިޔަ ގެއާއި 200 ފޫޓް ދުރުންނެވެ.

ނަގޫރޯޅިތަކުގެ ސަބަބުން ބައެއް ގެތައް ވެސް ވަނީ ވެއްޓިފައެވެ.

އަނިޔާވި ވަރަށް ގިނަ މީހުންނަށް ކައިރި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވިި މީހުންގެ އަދަދު އަދި މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް އަނިޔާވެފައިވާ ކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.

މެސުރީ ހިމެނޭ ސަރަހައްދުގައި މޫސުން އަދިވެސް ގޯސް ކަމުން މިސަރަހައްދުގައި ނަގޫރޯޅިތައް އުފެދިދާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ އިދާރާއިން އަދިވެސް ދެއެވެ. ނަގޫރޯޅިތަކުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީހުން ހޯދުމުގެ މަސައްކަތުގައި ޑްރޯންތައް ބޭނުން ކުރަމުންދާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެއެވެ.

ނަގޫރޯޅިއަކީ ބާރުގަދަ ތޫފާން ތަކުގައި އާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރުވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަނގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު