ހަންގުރާމައެއް ފެށިއްޖެ ނަމަ އީރާން ނިމިގެންދާ ތަން ފެންނާނެ ކަމަށް އެމެރިކާގެ ރައީސް ޓަރަންޕް ބުނުމުން އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ.

ޕާކިސްތާނަށް މިހާރު ވަޑައިގެން ހުންނެއްވި އީރާނުގެ ހާރިޖީ ވަޒީރު ޖަވާދް ޒާރިފް ވިދާޅުވީ އެމެރިކާއިން އީރާނަކީ ޓެރެރިސްޓް (ނިރުބަވެރި) ދައުލަތެއް ކަމަށް ބުނަމުން ދާއިރު އަސްލު ޓެރެރިސްޓަކީ ޓަރަންޕް ކަމަށެވެ.

" ހަގުރާމައެއް ފެށިއްޖެ ނަމަ އީރާން ނިމިގެން ދާތަން އެމެރިކާއަށް ނުފެންނާނެ އޭގެ ބަދަލުގަައި ޓްރަންޕް ނިމިގެން ދާތަން އީރާނުން ދެކޭނެ " ޒާރިފް ވިދާޅުވިއެވެ.

ޒާރިފް ވަނީ އީރާނާއި މެދު އެމެރިކާއިން އަޅަމުންދާ ފިތަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމެރިކާ އަދި އީރާނާއި ދެމެދު ހަގުރާމައެއްގެ ހުޅު ރޯވަމުންދާއިރު ރަޝިއާއިން އީރާނަށް ކަޑައަޅުވާފައި ހުންނެއްވި ސަފީރު ވެސް ދާދި ފަހުން ވިދާޅުވީ އެމެރިކާއިން އީރާނަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި ރަޝިއާ އަބަދުވެސް އޮތީ އީރާނާއި އެކުގައި ކަމަށެވެ.

ނުރައްކާވަމުން ދާކަމަށް ބުނެ ގަތަރުގައި ހުންނަ އެމެރިކާގެ އެއާބޭސްއަށް ހަތިޔާރު އެޅި ޖެޓުތައް އެމެރިކާއިން ފޮނުވާފައިވާ އިރު، އީރާނަށް ބިރުދެއްކުމަށް، ގަލްފް ކަނޑަށް އެމެރިކާގެ އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއަރުވެސް ވަނީ ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާއަށް މިލިޓަރީ ގޮތުން ހަނގުރާމައެއް ފަށަން ނުކެރިގެން އުޅެނީ ކަމަށާއި، އެމެރިކާއިން މިހާރު ބޭނުން ވަނީ ސައިކޮލޮޖިކަލް ހަނގުރާމައަކަށް ދާން ކަމަށެވެ.

އީރާނުން ބުނީ މީގެ ކުރިން އެމެރިކާގެ އެއާކްރާފް ކެރިއާއެއް 40 ވަރަކަށް ޖެޓްގެ އިތުރުން 3000 ވަރަކަށް ސިފައިންނާއެކު ގަލްފް ސަރަހައްދުގައި އޮތުމަކީ ބިރެއް ނަމަވެސް، މިހާރު އެއީ ފުރުސަތެއް ކަމަށެވެ. އަދި މިހާރު އެއީ އީރާނުން ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، އެމެރިކާއިން ރަސްމީކޮށް ހަނގުރާމަ އިއުލާން ނުކޮށްގެން އުޅެނީ އެމެރިކާ ބަލިކަން އަމިއްލައަށް އިހުސާސް ކުރެވޭތީ ކަމަށެވެ.