الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

އިޚުލާސް ސޫރަތަކީ ކީރިތި ޤުރުއާނުގައިވާ ކުރުއަދި އެންމެ މާތް ސޫރަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ފުރިހަމަ ސޫރަތެކެވެ. އެސޫރަތް ބާވާލެއްވުނީ މައްކާގައެވެ. އެސޫރަތް ބާވާލެއްވުނު ސަބަބު ބަޔާންކޮށްދެއްވަމުން އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ތަފުސީރު އިބުނު ކަޘީރުގައި ބަޔާންކޮށްދެއްވާފައިވެއެވެ.

"އުބައްޔު ބިން ކަޢުބު ވިދާޅުވިއެވެ. "ހަމަކަށަވަރުން މައްކާގެ މުޝްރިކުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ބުންޏެވެ. "އޭ މުޙައްމަދެވެ. ކަލޭގެފާނުގެ ވެރިރައްބުގެ ނަސަބު އަހަރެމެންނަށް ނިކަން ކިޔާދީބަލާށެވެ." ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މިސޫރަތް ބާވާލެއްވުނެވެ. (قُلْ هُوَ اللَّـهُ أَحَدٌ ، اللَّـهُ الصَّمَدُ ، لَمْ يَلِدْ وَلَمْ يُولَدْ ، وَلَمْ يَكُن لَّهُ كُفُوًا أَحَدٌ)

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲއެވެ. ﷲއެއީ އެންމެހާ ފަރާތައް ﷲއަށް ބޭނުން ވޮޑިގެންވާ އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންވެ ވޮޑިގެންނުވާ އިލާހެވެ. އެކަލާނގެއަކަށްއެއްވެސްއެއްޗެއްއުފަންވެގެނެއްނުވެތެވެ. އަދިއެއްވެސްއެއްޗަކަށްއެކަލާނގެއުފަންވެވޮޑިގެނެއްނުމެވޭމެއެވެ.އަދިއެކަލާގެއާއެއްފަދަވެގެންވާ،ހަމައެކަކުވެސްނުވެތެވެ."

އަދިވެސް އިމާމު އިބުނު ކަޘީރު ތަބަރާނީގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. "ކޮންމެ އެއްޗަކަށްވެސް ނިސްބަތެއްވެއެވެ. އަދި ﷲގެ ނިސްބަތަކީ قل هو الله أحد، الله الصمد އެވެ."

އަދިވެސް ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަނގުރާމައިގެން ޞަޙާބީ ބޭކަލެއް އިސްކުރައްވާފައި ލަޝްކަރެއް ފޮނުއްވިއެވެ. އެބޭކަލެއް ނަމާދުގައި ކިޔަވާއިރުގައި އަދި ނިންމާއިރުގައިވެސް قل هو الله أحد ކިޔަވައެވެ. އަދި އެބޭކަލުން އެނބުރި އައުމުން އެކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. "އޭނާ ކައިރިން އަހާށެވެ." ދެން އެބައިމީހުން އެހެން ކަންތައްތައް ކުރީ ކީއްވެތޯ ސުވާލުކުރެއްވުމުން ދެންނެވިއެވެ. ސަބަބަކީ އެއީ ރަޙުމާނު (ﷲ) ގެ ސިފަފުޅުތައް ކަމުގައިވާތީއެވެ. އަދި ސިފަތައް ބަޔާންކޮށްފައިވާ ސޫރަތުން ކިޔެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ." ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އޭނާއަށް ޚަބަރުދޭށެވެ. ﷲ ތަޢާލާވެސް އޭނާގެ ދެކެ ލޯބިވެ ވޮޑިގަންނަވައެވެ." މި ޙަދީޘް އަކީ ޞަޙީޙް ބުޚާރީގައި އައިސްފައިވާ ޙަދީޘެކެވެ.

އަދި ތަފުސީރު އިބުނު ކަޘީރުގައި މި ޙަދީޘް ރިވާވެގެންވެއެވެ.

 

އަދިވެސް ތަފުސީރު އިބުނު ކަޘީރުގައި އަންނަނިވި ޙަދީޘް ރިވާވެގެންވެއެވެ.

(عن أنس أن رجلا قال: يا رسول الله ، إني أحب هذه السورة : " قل هو الله أحد " قال :" إن حبك إياها أدخلك الجنة)

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޞަޙާބީ ބޭކަލެއް ނަބިއްޔާ ދެންނެވިއެވެ. "ﷲ ރަސޫލުﷲއެވެ. ހަމަކަށަވަރުން ތިމަންނާ މިސޫރަތް قل هو الله أحد ދެކެ ލޯބިވަމެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިބާ އެސޫރަތް ދެކެ ވާލޯބިން، ތިބާ ސުވަރުގެ ވައްދަވާ ހުއްޓެވެ."

އަދިވެސް ތަފުސީރު އިބުނު ކަޘީރުގައި ޞަޙީޙް ބުޚާރީގައި އައިސްފައިވާ އަންނަނިވި ޙަދީޘް ރިވާވެގެންވެއެވެ.

(عن أبي سعيد قال : قال رسول الله صلى الله عليه وسلم لأصحابه : " أيعجز أحدكم أن يقرأ ثلث القرآن في ليلة ؟ " . فشق ذلك عليهم وقالوا : أينا يطيق ذلك يا رسول الله ؟ فقال : " الله الواحد الصمد ثلث القرآن " )

މާނައީ: އަބޫ ސަޢީދު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ޤުރުއާނުގެ ތިންބައިކޮށްފައި އެއްބައިކިޔެވުން ކުޅަދާނަވެގެން ނުވޭހެއްޔެވެ؟" ދެން އެބޭކަލުންނަށް އެކަން ދަތިވިއެވެ. ދެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. އަހަރެމެންނަށް އެކަން ކުޅަދާނަވާނީ ކޮންކަމަކުން ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. "قل هو الله أحد އަކީ ޤުރުއާނުގެ ތިންބައިކޮށްފައި އެއްބައެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ.

(من قرأ ب" قل هو الله أحد " فكأنما قرأ بثلث القرآن)

މާނައީ: "قل هو الله أحد ކިޔަވައިފިމީހާ ފަހެ ޤުރުއާނުގެ ތިންބައިކޮށްފައި އެއްބައި ކިޔެވިފަދައެވެ."

މިމާނައިގައި ޙަދީޘް ޢިލްމުވެރިން ވަރަށް ގިނަ ތަފުސީލުތަކަށް ގޮސްފައިވެއެވެ. ނަމަވެސް އިބުނު ޢަބްދުލްބައްރު ރަޙިމަހުﷲ އޭގައި ތަފުސީލު ތަކަށް ނުގޮސް ޙަދީޘްގައިވާ ގޮތަށް ނެގުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ޤުރުއާނުގެ ތިންބައިކޮށްފައި އެއްބައި ކިޔެވުމާއި އެއްވަރުވެގެންވާ ސޫރަތެއްކަމާއި އެސޫރަތް ވަރަށް މާތްވެގެންވާ ކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. އަދި މިސޫރަތް އެހާ މާތް ސޫރަތަށް ވުމުގެ ސަބަބަކީ ﷲ އެއްކައުވަންތަ ކަމުގެ ވާހަކަ ބަޔާންކުރެވިފައިވާ ސޫރަތެއްކަމުގައިވާތީއެވެ. އެހެނީ އިސްލާމްދީނުގެ އެންމެ މާތްކަމަކީ ﷲ އެއްކައުވަންތަ ކުރުމެވެ. އަދި ﷲއާއި އެނޫން އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ.

ދުޢާއަކީ ﷲ ސުބުޙަނަހޫ ވަތަޢާލާ އެއްކައުވަންތަކޮށް އަދި ﷲއާއި އެއްވެސް އެއްޗެއް ޝަރީކުނުކުރާ ހާލު އެއިލާހާ ބައްދަލުވާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވައި މިސޫރަތްތަކަށް ޢަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. وصلى الله وسلم على محمد وآله وصحبه أجمعين. آمين.