އީރާނާއި އެމެރިކާގެ ކޯޅުން ބޮޑުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން އަރަބި ކަނޑަށް ފޮނުވި އަސްކަރީ މަނަވަރުތަކަށް ނުރައްކާ ކުރިމަތި ވެއްޖެއެވެ.

އީރާނާ ދެކޮޅަށް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ތައްޔާރުކޮށް އަރަބި ކަނޑަށް މިހާރު ފޮނުވާފައިވާ ބޮޑު އެއާކްރާފްޓް ކެރިއާތަކާއި އަސްކަރީ ވަރުގަދަ މަނަވަރުތަކަށް ނުރައްކާ ކުރިމަތިވެފައިވަނީ، އެކަމާއި ގުޅޭގޮތުން މިއަދު އީރާންގެ އަސްކަރިއްޔާގެ ވެރިއަކު ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

ނޫސްތަކުގައި އެ އޮފިޝަލް ވިދާޅުވެފައިވަނީ، އަސްކަރީ މަނަވަރުތައް އީރާނާއި ދެކޮޅަށް ބޭނުން ކުރުމަށް އަރަބި ކަނޑުތަކަށް ފުރުވާލުމަކީ އެމެރިކާއަށް ކުރެވޭ އެންމެ "މޮޔަ" ކަންތައް ކަމަށެވެ. އަދި އެމެރިކާގެ މަނަވަރުތަކަށް ދޭނީ ހީވެސް ނުކުރާފަދަ ހަމަލާތަކެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގައި "ސިއްރު ހަތިޔާރުތައް" ރައްކާ ކުރެވިފައިވާ ކަމަށެވެ. އާންމު ގޮތެއްގައި ޤައުމުތަކުގެ އަސްކަރީ ބާރު ނިސްބަތުން އޮންނަ މިންވަރު ޤައުމުތަކުން ހާމަކުރި ނަމަވެސް، އީރާނުން ބުނެފައިވަނީ އެޤައުމުގެ ހަޤީޤީ އަސްކަރީ ބާރު އަދި އެމެރިކާއަށް ނޭނގޭނެ ކަމަށެވެ.

"އެމެރިކާއިން އަރަބި ކަނޑަށް ފޮނުވާފައިވާހައި މަނަވަރުތަކާއި، އޭގައިވާ ޖެޓުތަކާއި ސިފައިންނާއެކު އަރަބި ކަނޑުގެ އަޑިޔަށް ފައްތާލާ ވަރުގެ ހަމަލާތަކެއް ދޭނަން. މި ހަމަލާގައި އަރަބި ކަނޑުން އެމެރިކާ ފޮހެލާނަން،" އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އެމެރިކާ އިން މިހާރު ވަނީ އީރާނަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނުގެ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދަށް ޖަމާވަމުން ދަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ.

އެމެރިކާ އާއި އީރާންގެ ދެމެދުގައި ހަނގުރާމައެއްގެ ނުރައްކާ ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި ޓްރަމްޕް ވަނި އެކަމަށް ޚައްސަކޮށް ސިފައިންވެސް އަރަބި ޤައުމުތަކަށް ފޮނުވަން ނިންމާފައެވެ. އަދި އޭގެ އިތުރުންވެސް މެދުއިރު މައްޗަށް އިތުރު 10،000 އެއްހާ ސިފައިންނާއި، މަނަވަރުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ސިފައިންނާއި މަނަވަރުތައް އީރާނު ހިމެނޭ ސަރަޙައްދުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދަށް ފޮނުވައިގެން ހަރަކާތްތެރިވަމުންދަނީ އީރާނުގެ އިންޒާރުތަކާއި ގުޅިގެންކަން ޓްރަމްޕް ވަނީ އެއްބަސްވެފައެވެ. އޭނާ ބުނެފައިވަނީ، އޭނާ ބޭނުންވާ އަދަދަކަށް ސިފައިން އެ ސަރަޙައްދަށް ފޮނުވަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާމަ

    ﷲ ގެ އިރާދަފުޅުން މުސްލިމުންނަށް ނަސްރުލިބިގެންދާނެ،

    71
  2. އަލިބެއްޔާ

    ހަނގުރާމަ ނުފަށާނެ.. މުޅިން ފޮނި ވާހަކަ.. ފަށާނަމަ ފަށަންވީނު..

    23
    1
  3. އިރާގު

    އިރާގުންވެސް އެމެރިކާގެ ޓޭންކަރުތައް ފެނުކެއްކި ބަރަބޯ ތަކަކަށް ހަދާލި. މިގުރޫޕަށް ކިހާވަރެއް ވާނެބާ..

    11
    2