ތުރުކީގެ އެއާލައިން އެއް ކަމަށްވާ ޓާކިޝް އެއާލައިން އިން ފަލަސްތީނުގައި ފަތުރުވެރިކަން ފުޅާކުރަން ނިންމައިފިއެވެ.

ޓާކިޝް އެއާލައިންގެ ނައިބު ރައީސް އަދި ފަލަސްތީނުގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ރޫލާ މައިޔާ ބައިތަލަހަމްގައި ބޭއްވި ބައްދަލުވުގައި ޓާކިޝް އެއާލައިން އިން ވަނީ އެ އެއާލައިން މެދުވެރިކޮށް ފަލަސްތީނަށް ފަތުރުވެރިން ގެނައުން އިތުރު ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ފަލަސްތީނަށް މިދިޔަ އަހަރު އެކަނިވެސް ތިން މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއިރު އޭގެ ތެރޭގައި ތުރުކީގެ 130000 ފަތުރުވެރިން ހިމެނެއެވެ.

ފަލަސްތީނުގެ އިގްތިސޯދު ދަށްވެފައިވުމުގެ އެންމެ ބޮޑު ސަބަބަކީ އިސްރާއީލުން އެގައުމު އަޅުވެތިކޮށްފައި އޮތް އޮތުމެވެ.

ތަފާސް ހިސާބުތަކުގައި 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ފަލަސްތީނުގެ އިގްތިސޯދީ ކުރިއެރުން 11 ޕަސެންޓުގައި ހުރި ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 1.5 ޕަސެންޓުގަ އެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތުވެފައިވާ އައްޒާ އަލުން އާރާސްތުކުރުމަށް 7.8 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފަލަސްތީނު އިކޮނޮމިކް ކައުންސިލް ފޯ ޑިވެލޮޕްމެންޓް އެންޑް ރީކޮންސްޓްރަކްޝަން އިން ވަނީ 2014 ވަނަ އަހަރު ބުނެފައިވެ އެވެ. މިއަދަދު މިހާރު މިއަށް ވުރެން މަތިވާނެއެވެ.