ސައުދީ އަރަބިއްޔާއަށް ހަމާލާ ދިނުމަށް ނިރުބަވެރިން ފޮނުވާލި ޑްރޯން އެއް ވައްޓާލައިފިއެވެ.

ސައުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެޤައުމަށް ޑްރޯން ހަމަލާއެއް ދިނުމަށް މިރޭ މަސައްކަތްކޮށްފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށެވެ. ޔަމަން އިން ސައުދީއަށް ފޮނުވާލި މި ޑްރޯން މެދުވެރިކޮށް ހަމަލާ އަމާޒު ކުރުމަށް މަސައްކަތް ކޮށްފައިވަނީ ސައުދީގެ ޖިޒާން އެއާޕޯޓަށެވެ.

މި ހަމަލާ އާއި ގުޅިގެން ސައުދީ އަސްކަރިއްޔާއިން ވަނީ ހޫތީންނަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. އެގޮތުން ސައުދީއަށް އަމާޒުކުރަމުންދާ ހަމަލާތަކުގެ ބަދަލު ވަރަށް އަވަހަށް ހަނގުރާމަވެރިންނަށް ފެނިގެންދާނެ ކަމަށް އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވަނީ ބުނެފައެވެ.

މިރޭ ދޭން އުޅުނު ހަމަލާއަށް ފަހު ހޫތީންވެސް ވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ. އެގޮތުން ޖަޒާން އެއާޕޯޓަށް ހަމަލާދޭން އުޅުނީ ޑްރޯން މެދުވެރިކޮށް ކަމަށް އެ ޖަމާޢަތުން ބުނެފައި ވެއެވެ. މި އެއާޕޯޓަކީ ކޮންމެ ދުވަހަކުވެސް އެތައް ހާސް މީހުންނެއް ބޭނުންކުރަމުންދާ އެއާޕޯޓަކަށް ވާއިރު، ހޫދީންގެ ހަމަލާތައް އަމާޒު ކުރުމަށް މަސައްކަތް ކުރަނީ މީހުން ގިނަ ސަރަޙައްދުތަކަށެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ސައުދީއަށް ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުކޮށްލާފައި ވެއެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ވެސް، ޔަމަނާއި ސައުދީ ގުޅޭ ބޯޑަރު ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮންނަ ނަޖްރަން އެއާޕޯޓަށް ހޫތީން ވަނީ ހަމަލާދޭން މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން މީގެ ހަފްތާއެއްހައި ދުވަސް ކުރިން ވެސް އެ ޖަމާޢަތުން ވަނީ ނަޖްރަން އެއާޕޯޓަށް ހަމަލާއެއް އަމާޒުކޮށްފައެވެ.