އަވައްޓެރި ސްރީލަންކާގައި މަރާލާފައިވާ ޒުވާން ދެ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ލަންކާގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި، މި ދެ އަންހެނުންގެ ހަށިގަނޑު ފެނުނީ މަހާވިލައްޗިޔާ ނަމަކަށްކިޔާ އަވަށެއްގައި އޮންނަ ފެންގަނޑެއްގެ ތެރެއިންނެވެ.

އުމުރުން 22 އަހަރާއި 28 އަހަރުގެ މި ދެ އަންހެނުންގެ ހަށިގަނޑު ފެނުނީ، މިދިޔަ ހުކުރު ދުވަހު އެމީހުން ގެއްލިގެން މަހާވިލައްޗިޔާގެ އިދާރާތަކަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ދެމީހުން ހޯދަމުން ދަނިކޮށެވެ.

މި ދެ އަންހެނުންނަކީ ލަންކާގެ ނުގޭގޮޑާ އާއި އިންވެގެން އޮންނަ ގަންގޮޑަވިލާއަށް ނިސްބަތްވާ ދެމީހުން ކަމަށް އޮފިޝަލުން ބުނެއެވެ. އެމީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް އަނުރާދަޕޫރާ ހޮސްޕިޓަލުން މިހާރު ކުރަމުން އަންނައިރު، އެ ހާދިސާގެ ޚާއްސަ ތަހުޤީޤެއް ފުލުހުން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ލަންކާގައި މީހުން މެރުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ. އެޤައުމުގެ މަޑަގައްލާ ނަމަކަށްކިޔާ އަވަށެއްގައި އިއްޔެ ވެސް ވަނީ އުމުރުން 43 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާދީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު