ދިގު މުއްދަތެއް ވަންދެން ޒިމްބާބްވޭގެ ރައީސްކަން ކުރެއްވި ރޮބަޓް މުގާބޭގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ، ގްރޭސް މުގާބޭއާ ދެކޮޅަށް މައްސަލައެއް ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ގްރޭސް އާ ދެކޮޅަށް ތަޙުޤީޤެއް ފަށާފައިވަނީ އެތުގެ ދަތް ނުވަތަ އައިވަރީ ވިއްކުމުގެ ވިޔަފާރި އޭނާ ކުރަމުންދާކަން، ފަޅާ އަރުވާލުމުންނެވެ. ގްރޭސް، މި ވިޔަފާރި ކުރަމުންދާކަން ފަޅާ އަރުވާލާފައިވަނީ އޮސްޓްރޭލިޔާގެ ވައިލްޑްލައިފް ފޮޓޮގްރާފަރ، އެޑްރިއަން ސްޓެއަރން އެވެ.

"އަލްޖަޒީރާ" އާ ވާހަކަ ދައްކަމުން އެޑްރިއަން ބުނެފައިވަނީ އެތްތައް މަރައިގެންނާއި އައިވަރީ ރިޒާވުތަކުން ނަގައިގެން، ގްރޭސް، އޭނާގެ ކްލަޔަންޓުންނަށް އެތަކެތި ވިއްކަމުންދާކަން، ތިން މަސް ދުވަސްވަންދެން ކުރި ތަޙުޤީޤަކުން އެނގިފައިވާކަމަށެވެ.

މި ތަކެތި، ކަމާ ބެހޭ ފަރާތްތަކަށް ނޭނގި ތަންތަނަށް ފޮނުވަމުންދަނީ ފަސްޓް ލޭޑީގެ މުދަލުގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ. އަދި، ޒިމްބާބްވޭގެ އެއަރޕޯޓުތަކުން އެޤައުމުގެ ފަސްޓް ލޭޑީގެ މުދާތައް ފާސް ނުކުރާގޮތަށް އޮންނަނީ ޕްރޮޓޮކޯލްތައް ހަދާފައެވެ.

މިކަމާ ގުޅިގެން އެޤައުމުގެ މިހާރުގެ ރައީސް، އެމާސަން ނަންގަގުވާގެ އެޑްވައިޒަރަކު އަލް ޖަޒީރާއަށް ވިދާޅުވެފައިވަނީ އެކަން ތަޙުޤީޤުކޮށް، އެކަމުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލު ކުރަމުންދާކަމަށެވެ.

އައިވަރީގެ ވިޔަފާރި ކުރުމަކީ ބައިނަލްއަޤުވާމީ މުއާހަދާތަކުން މަނާކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިނު ބަނާނާ

    މިތާ މުގާބޭގެ އަންހެނުންގެ ބައިވަރު މައްސަލަ ފަޅާއެރި! ކަދުރު، ހަނޑޫ، ބަކަރިލޭ، ޓެބުލެޓް.... އަދިވެސް!!

    • ހުސޭނުބޭ

      ތި ބުނާ މުގާބޭ ވަނީ 3 އަހަރު ފަހުން އަތަށް ގޮވައިގެން އިސްތިޢުފާދީފައި!