އަވައްޓެރި ސްރީލަންކާއަށް މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާގެ އިސް ނިރުބަވެރިންނާއި ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ އާއި، އެފަރާތްތަކުން ބޭނުންކުރި ތަކެތި ހޯދައިފިއެވެ.

ލަންކާގެ ފުލުހުން ބުނެފައިވާގޮތުގައި، އިއްޔެގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ހޯދި ތަކެތީގެ ތެރޭގައި، ނިރުބަވެރި ހަމަލާ ދިނުމުގެ ފަހަތުގައިވާ ގްރޫޕުކަމަށް ތުހުމަތުކުރާ "ނޭޝަނަލް ތައުހީދު ޖަމާޢަތް"ގެ ވެރިޔާ، މުޙައްމަދު ޒަހްރާން ހާޝިމް ބޭނުންކުރި ލެޕްޓޮޕްވެސް ހިމެނެއެވެ. މީގެ އިތުރުން 3.5 މިލިއަން ރުޕީސްވެސް ފޮރުވާފައި ހުއްޓާ މި އޮޕަރޭޝަނުގެ ތެރެއިން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ، މި އޮޕަރޭޝަން ހިންގީ އެޤައުމުގެ ސްޓޭޓް އިންޓެލިޖެންސް ސާވިސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގެ ދެ ދުވަސްކުރިންވެސް ތައުހީދު ޖަމާޢަތުން ފޮރުވާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ތަކެއްޗާއި ގުޅުންހުރި މީހަކު މިހާރު ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. އޭނާ އާއި ސުވާލުކޮށް ހިންގި ތަހުޤީޤަށްފަހު ފުލުހުން ބުނެފައި ވަނީ އޭނާގެ ފަރާތުން ތަހުޤީޤަށް ބޭނުންތެރި ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ފުލުހުން ހޯދި ލެޕްޓޮޕަކީ، ރައްކާކޮށް ފޮރުވުމަށް ޒަހްރާން އޭނާ އާއި ހަވާލުކޮށްފައިވާ ލެޕްޓޮޕެއް ކަން އޭނާގެ ފަރާތުން އެނގުނު ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ، މި ލެޕްޓޮޕުގައި ހުރި މައުލޫމާތުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭގައިވާ ތަކެއްޗާއި ގުޅިގެން އަދި ފުލުހުން ވާހަކަ ދައްކާފައި ނުވީނަމަވެސް، މިހާރު ކުރިޔަށްދާ ތަހުޤީޤަށް ގިނަ ކުރިއެރުން ލިބޭނެ މަޢުލޫމާތުތަކެއް ލެޕްޓުޕުގައި ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.