ސައުދީ އަރަބިއްޔާގައި ޝައްވާލު މަހުގެ ހަނދު ސާބިތުކޮށް ހަނދާއި މެދު ގޮތެއް ނިންމުން އަންނަ ހޯމަ ދުވަހު ކުރިޔަށްގެންދިއުމަށް އެޤައުމުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ސައުދީގެ ސުޕްރީމް ކޯޓުން ވަނީ، މިއަހަރުގެ ރަމަޝާން މަހުގެ 29 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ވާތީ، ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު، އެންމެ ކައިރީގައިވާ ކޯޓަކަށް ނުވަތަ ރަސްމީ އިދާރާއަކަށް އެކަން ރިޕޯޓް ކުރުމަށް އެޤައުމުގެ ރައްޔިތުންގެ ފަރާތުން އެދިފައެވެ. އެ ދުވަހު ޝައްވާލު މަހުގެ ހަނދު ނުފެނިއްޖެ ނަމަ އަންގާރަ ދުވަސް ވާނީ އެޤައުމުގައި ރޯދަ މަހުގެ 30 ވަނަ ދުވަހަށެވެ.

އިސްލާމީ ޝަރުޢީ މިންގަނޑުން ބަލާއިރު، ހަނދު މަހެއް ފެށެނީ، ހިނގަމުން ދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅެނވި ހަނދު ފެނިއްޖެ ނަމަ އެވެ.

2 ޖޫން ވާ ހޯމަ ދުވަހު ސައުދީގައި ޢީދު ހަނދުބެލުން އޮންނައިރު، އަންގާރަ ދުވަހަކީ އެޤައުމުގައި މިއަހަރުގެ ފިތުރު ޢީދު ކަމަށް ފަލަކީ ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ އެޤައުމުގެ އަޝްރަޤް އަލް އަވްސަތް ނޫހުގައި ބުނެފައި ވެއެވެ.

ސައުދީގައި ހަނދުފެނިގެން، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅައި މުސްލިމުން ރޯދަ ހިފަން ފަށާފައި ވަނީ މި ނިމުނު މޭއި މަހުގެ 6 ވަނަ ދުވަހުގައެވެ. މިއީ ރާއްޖޭގައިވެސް ރޯދަ ހިފަން ފެށި ދުވަހެވެ.