ޖާމަނީއަށް ކަނޑައަޅާފައި ހުންނަ އިސްރާއިލްގެ ސަފީރު، ފެލިކްސް ކްލެއިން، އިސްރާއިލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެއްޖެއެވެ.

ޖާމަނީގެ ވެރިކަންކުރާ ބާލިންގައި ކުރިޔަށްދިޔަ މި މުޒާހަރާއަކީ، ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއިލްގެ ވެރިން، ކުށެއްނެތް މުސްލިމުންނާއި މެދު އިހާނާތްތެރިވެ ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި ސިލްސިލާ ގޮތެއްގައި ކުރިޔަށްގެންދާ މުޒާހަރާއެކެވެ.

އެތައް ސަތޭކަ ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ، އިސްރާއިލް އިން އަތްގަދަކޮށް ފަލަސްތީނުން ފޭރިގަނެފައިވާ މުސްލިމުންގެ މުޤައްދަސް ބިން ކަމަށްވާ ޤުދުސް، އަނބުރާ ފަލަސްތީނާ ހަވާލު ކުރުމަށް ގޮވާލާފައެވެ. އަދި ޔަހުދީ ސިފައިންގެ ވަކިތަކުން ފަލަސްތީނުގެ ޣައްޒާ މިނިވަން ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނި ގޮވާލާފައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ވެރީންނާއި ދެކޮލަށް ލިޔެފައިވާ ލިޔުންތަކާއި ފޮޓޯތަކާއެކު ކުރިޔަށްގެންދިޔަ މި މުޒާހަރާގައި ޖާމަނީއަށް އިސްރާއިލް އިން ކަނޑައަޅާފައި ހުންނަ ސަފީރުގެ އިތުރުން ޖާމަނީގެ ސިޔާސީ އިސް ފަރާތްތަކާއި އެޤައުމުގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއިލް އާއި ދެކޮޅަށް ޖާމަނީގައި މުޒާހަރާ ކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިސްރާއިލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި އެޤައުމުން ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ލޭއޮހޮރުވުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. ނަމަވެސް އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ، ބަދަލުގައި އިސްރާއިލް އިން ދަނީ މުސްލިމުންނަށް ކުރާ ގޯނާ އާއި އަނިޔާ ދުވަހެއް ދުވަހަކަށް އިތުރު ކުރަމުންނެވެ.