އިސްރާއީލުން ވައިގެމަގުން ސީރިޔާއަށް ދިން ހަމަލާތަކުގެ ސީރިޔާގެ ތިން ސިފައިން މަރާލައިފިއެވެ.

އިސްރާއީލުން ހިފާފައިވާ ސިރިއާގެ ގޮލާންގެ ބިންތަކަށް ސީރިޔާއިން ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ ވައިގެ ސިފައިން ވަނީ ސީރިޔާގެ ދަމަސްކަސްގައި ހުރި ސީރިޔާގެ އަސްކަރީޔާގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި ސީރިޔާ ސިފައިންގެ ތިން މީހަކު މަރުވިއިރު މިއީ ސީރިޔާ އަދި އިސްރާއީލާއި ދެމެދު ހަމަލާތަށް ބަދަލު ކުރާ ދެވަނަ ހަފްތާއެވެ.

ގޮލާންގެ އުސްބިންތަކަކީ އިސްރާއީލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތީ މިދިޔަ މާރިޗު މަހު 27 ވަނަ ދުވަހުއެވެ. ތުރުކީވިލާތާއި މެދު އިރުމަތީގެ ޤައުމުތަކުން ބުނެފައިވަނީ އެމެރިކާއިން މި ގޮތަށް ނިންމުން ވެގެންދާނީ، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިގެންދާނެ ކަމަކަށްކަމަށެވެ.

އިސްރާއީލުން ގަބޫލު ކުރަނީ ގޯލާން ހެއިޓްސްގެ ހިފާފައިވާ ބިންތަކާއި ގޯލާން ހެއިޓްސްގެ ވައިގެ ސަރަހައްދަކީ އިސްރާއީލުގެ ސަރައްދެއް ކަމަށެވެ.

މި މައްސަލާގައި އދ.ގެ ސަލާމަތާއި ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަަށް ސީރިޔާއިން ވަނީ ގޮވާލާފައެވެ. މީގެ ކުރިން އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ވަނީ، އިސްރާއީލުން ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓުވުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

ދާދި ފަހުން ބޭއްވި އަރަބި ލީގު ލީޑަރުންގެ ސަމިޓެއްގައި އިސްރާއީލުން ފޭރުނު ގޯލަން ހައިޓްސް ނުވަތަ ގޯލާންގެ އުސްބިންތަކަކީ ސީރިޔާގެ ސަރަހައްދެއް ކަން ގަބޫލު ކޮށް އެ ސަރަހައްދު ސީރިޔާ އަށް އަބުރާ ދިނުމަށް އަރަބި ލީގުގެ ލީޑަރުން ވެސް ވަނީ ގޮވާލާފައެވެ.