އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނުގެ ފޭރިގެންފައިވާ ޤުދުސްގެ އާންމުން ދިރިއުޅޭ އަވަށަކަށް އަރައި، އެ އަވަށުގެ ގެއެއްގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ޤުދުސްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ވީޑީއޯގައި ފެންނަނީ އިސްރާއިލް ސިފައިން ޤުދުސްގެ އާންމުން ދިރިއުޅޭ ސުލްޙަވެރި އަވަށެއްގައި އެއްވެސް ސަބަބަކާއި ނުލައި މީހުންނަށް އަނިޔާކުރި މަންޒަރު ކަމަށެވެ. ހިޒްމާ ނަމަކަށްކިޔާ އެ އަވަށަށް އިސްރާއިލް ސިފައިން އަރާފައިވަނީ ކީއްވެކަމެއް އިސްރާއިލްއިންވެސް ހާމައެއް ނުކުރެއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ، އިސްރާއިލްގެ ސިފައިންތަކެއް ވޭނެއްގައި އެ އަވަށަށް ގޮސް އާންމުން ތިބި ސަރަޙައްދަކަށް މަޑުކޮށްލާ މަންޒަރެވެ. އެއަށްފަހު އެއިން ފައިބައިގެންދިޔަ ހަތިޔާރުއެޅި ސިފައިންގެ ބަޔަކު އާންމުން ފަހާ ދުވާ މަންޒަރު ފެނެއެވެ.

ހަމަ އެހެންމެ ގެއެއްގެ ކައިރީގައި ތިބި ކުޑަކުދިންތަކަކަށް ހަމަލާދޭން ފެށުމުން އެކަން ހުއްޓުވަން ދިޔަ މަންމައަކު ކޮއްޕާ ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނިގެންދާއިރު އެމީހުންނާއި ދިމާލަށް ކަރުނަގޭސް ކެނިސްޓަރ އުކާ މަންޒަރު ފެނެއެވެ. މި ޖަރީމާގެ ތެރެއިން އިސްރާއިލް ސިފައިން ވަނީ ފިރިހެނަކު ރަހީނުކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިންނާއި މެދު ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ހިންގަމުންދާ އެފަދަ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ.

އިސްރާއިލްގެ ބާރުގެ ދަށަށް ޤުދުސް ގެންގޮސް، އެ ސިޓީއަކީ އިސްރާއިލްގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައެޅިފަހުން އިސްރާއިލް ސިފައިން ދަނީ ސިޓީގައި ދިރިއުޅޭ މުސްލިމުންނަށް އެކި ގޮތްގޮތުން ގޯނާކޮށް ދުއްތުރާ ކުރަމުންނެވެ.

މީގެ އިތުރުން އެ ބިމުގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާއަށް ނަމާދަށްދާ މުސްލިމުންނަށް ހުރަސް އަޅައި އެ މިސްކިތަށްވެސް ސިފައިން ވަނީ ބާރ ފޯރުވަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަރޫ

    ތިބުނާަ ވީޑިއޯއެއް ނުފެނުން.

    8
    19
    • ޛ

      އެ ހިތާމަ ވެރި އިންޓަނެޓުން ވީޑިއޯ ފެންނަން އެބަ އޮތް....

  2. ރަށްދު

    ކީކުރާނީ ހިތްދަތިވެ އެކަމަކު އަޅާނެ ބަޔަކުނެތް

    7
    1
  3. ޑ

    ހިތާމަ ހުރި.... އިޒްރޭލްގެ ނުލަފާ ޔަހޫދީން އަކީ ވަރަށް އަނިޔާ ވެރި ބައެއް

    9
    1
  4. ހުދުހުދު

    ޔާﷲ ޔަހޫދީންގެ އަނިޔާ ވެރިކަމުން ފަލަސްތީނުގެ މުސްލިމުން ރައްކާތެރި ކުރައްވާ ޔަހޫދީންނަށް ﷲ ގެ ގަދަފަދަ ކޯފާއެއް ފޮނުއްވާ އެމީހުން ނެތިކުރައްވާފާދޭ އާމީން

    47
    1