އަވައްޓެރި ސްރީލަންކާގެ ހުރިހާ މުސްލިމް މިނިސްޓަރުން މަޤާމުން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ މިއަދު ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޕްރިޒަން ރީފޯމްސް، ރައޫފް ހަކީމް ވިދާޅުވީ، ގިނަ ސަބަބުތަކަށްޓަކައި، ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އެޤައުމުގެ ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ކަމަށެވެ.

މުސްލިމް މިނިސްޓަރުންގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ރައޫފް ވިދާޅުވީ، މުސްލިމް ހުރިހާ މިނިސްޓަރުން މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެ ކަމަށެވެ.

ލަންކާގެ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވަނީ، އެޤައުމުގައި މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން މުސްލިމުންނަށް ތުހުމަތުތަކެއް ކޮށް އެޤައުމުގެ ސަރުކާރުގެ ތެރެއިން މުސްލިމުންނަށް ފިއްތުންތަކެއް ކުރިމަތި ކުރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ރައޫފް ވިދާޅުވީ، "އީސްޓާ ސަންޑޭ"ގެ ހަމަލާތަކާއި ގުޅިގެން މިހާރު ކަމާއި ބެހޭ އިދާރާތަކުން ކުރިޔަށްގެންދާ ޚާއްސަ ތަހުޤީޤުތަކަށް މުސްލިމް މިނިސްޓަރުންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކަމެއް ސާބިތުވެއްޖެ ނަމަ އެންމެ ހަރުކަށި ފިޔަވަޅު އެފަރާތްތަކާއި މެދު އެޅުމަށްވެސް ތާޢީދުކުރާ ކަމަށް ރައޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ، އަޅުގަނޑުމެން މުސްލިމް މިނިސްޓަރުން މަޤާމުން އިސްތިއުފާ ދިނުމުން، މި ޤައުމުގައި މުސްލިމުންނަށް ކުރަމުންދާ ދަތިތަކާއި އުނދަގޫތައް ހުއްޓިގެންދާނެ ކަމަށް. އަޅުގަނޑުމެންގެ މި ނިންމުމަކީ ލަންކާގެ މުސްލިމް އުންމަތަށް އެންމެ ރައްކާތެރި ގޮތަކީ މިއީ ކަމަށް ޤަބޫލު ކުރެވޭތީ ނިންމި ނިންމުމެއް،" މިނިސްޓަރ ރައޫފް ވިދާޅުވިއެވެ.

ލަންކާގެ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާއިރު، އެފަރާތްތަކުން ވިދާޅުވީ މިހާރު އެޤައުމުގައި މުސްލިމުންނަށް ރައްދުވާ ގޮތަށް ފަތުރަމުންދާ ހަޤީޤަތެއްނެތް ވާހަކަތައް ހުއްޓުމާއި ހަމައަށް މަޤާމުތައް އަލުން ބޭނުން ނުވާ ކަމަށެވެ.

މާރިޗު މަހު ލަންކާގެ އަށް ތަނެއްގައި ބޮން ގޮއްވައިގެން ދިން ހަމަލާގެ ތުހުމަތުތައް މުސްލިމުންނަށް ކުރެވެން ފެށީ، އެ ހަމަލާގެ ޒިންމާ، މުސްލިމުންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުން ހިންގާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިން އުފުލުމާއި ގުޅިގެންނެވެ. އައިސިސް އިން އެ ހަމަލާތައް ދިނުމަށް ލަންކާގައި މެދުވެރި ކުރުވީ، އެ ޖަމާޢަތަށް ސަނާކިޔާ އެޤައުމުގެ ނޭޝަނަލް ތައުހީދު ޖަމާޢަތުގެ ހައްދުފަހަނައަޅާފައިވާ ބައެއް މެމްބަރުންނެވެ.

އީސްޓާ ސަންޑޭގެ ހަމަލާތަކުގައި ތުއްތު ކުދިންނާއި އަންހެނުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި 500 އަށްވުރެ ގިނަ މީހުން މި ހަމަލާގައި ޒަޚަމްވެފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް މި ސަރަޙައްދުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާ އާއި ގުޅިގެން ލަންކާއިން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ހަމަ ބޮން ގޮއްވުމަށް ތާއީދު ކުރެވެނީ ދޯ1

    6
    33
  2. ދދދދދދދ

    މި މާލޭގަ އުޅޭ އޮރިންތައް އަދިވެސް އެބަ ކިޔައޭ މުސްލިމުންނަކަށް ދުއްތުރާލެއް ނުކުރެއޭ. ސިންގަޅަ ބަހުން މިމީހުންގެ ނޫސްތަކުގަ ލިޔާ ބުހުތާނު ވާހަކަވެސް އަދި ކިޔައިދެއޭ ތިބެގެން.

    20
    1
  3. މޮސާޑު

    ތިއީ މޮސާޑުން މުސްލިމުންނާއި ދެކޮޅަށް މުސްލިމުންގެ ނަމާއި މުނާފިގުންގެ ބަޔަކު ގޮވައިގެން އެހިންގާ ޖަރީމާތަކުތެރެއިން ލަންކާގައި މޮސާޑަށް ލިބުނު ކާމިޔާބީއެއް.

    14
    1
  4. މުސްލިމެއް

    މުސްލިމް މި ގައުމުގަ އިންޑިޔާ ލަންކާގެ މުސްލިމް ނޫން މީހުންނަށް ހިމާޔަތް ދެނީ އިސްލާމްދީނާ ދެކޮޅަށް...
    އެމީހުންނަށް ހިމާޔަތް ދޭ ބަޔަކު އެ ގައުމުތަކުގަ މުސްލިމުންނަށް ދޭމުން ގެންދާ އަނިޔާތަކަށް އެއްބާރުލުންދީ ހިތްވަރު ދެމުން އެދަނީ...
    އިސްލަމީ ނަޒަރަކުން ބޮޑު މަންޒަރު ސިފަކުރެވޭނެ ގޮތަކީ މިއީ އަދި ބަޔަކު ރުހުނަސް ނުރުހުނަސް....
    ދިވެހިން ހިތްދިތިކަމުންފޯވާނެ ދުވަސް މިވެރިން ދައްކާކަށް ލަހެއްނެތި އިރު އަރާފާނެ...ހަމަ އެހެންމެ އަރާ ކޮންމެ އިރަކީ އޮއްސިދާ އެއްޗެއް...ނޭގެނީ ވަގުތު ޖެހޭނެ ހިނދެއް...
    އިސްލާމީ ގައުމެއްގެ ކަންކަން ބައްޓަން ކުރުމަށް ކާފިރަކު ގެނައުމުން އޭގަ ކޮޅު ދިމާވާނެ އެއްވެސް ރޮނގެއް އޮވެދާނެބާ...؟
    ހިތާމަޔަކީ މިފަދަ ހަމަ ނުޖެހޭ ޔަހޫދީ މަންޒަރު ލޯމަށްޗަށް ކުލަކުރާއިރުވެސް ދުނިޔެވީ ލާބަޔަކަށް ބޭނުނަވެ ނަމަވެސް ރުހި ހެވިފަ އަތްޖަހަން ދިވެހިން ތިބީތީ...
    " ކުޑަކުއްޖަކަށް އަލިފާން އެއީ ހޫނު އެއްޗެއްކަން އެނގި އިހްސާސްވަނީ އޭގަ އަތްލެވި އޭގެ އަސަރު ތަޖްރިބާ ކުރެވުމުން..."