2017 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަންހެނަކު ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ އިންޑިއާ މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އުމުރުން 35 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަޖޭ ރާނާގެ މައްޗަށް ކުއްސާބިތުވާ ކަމަށް އިގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އޭނާ އިނގިރޭސިވިލާތުގެ އަންހެނަކު އޭނާގެ ކާރަށް އެރުވުމަށް ފަހު ރޭޕް ކުރިކަން ސާބިތު ވުމުންނެވެ.

މި އަމަލު ހިންގުމަށް ފަހު އޭނާ ވަނީ ބަލިވެ އުޅޭ މަންމަ ކައިރިއަށް ޒިޔާރަތް ކުރަން ކަމަށް ބުނެ އިންޑިއާއަށް ފިލާފައެވެ. ނަމަވެސް އިގިރޭސިވިލާތުގެ ފުލުހުން ވަނީ ޔޫރަޕިއަން އެރެސްޓް ވާރަންޓް މެދުވެރިކޮށް އޭނާ ސްޕެއިންގައި ހުއްޓާ ހައްޔަރު ކޮށްފައެވެ.

މި މީހާ ރޭޕް ކުރި އުމުރުން 30 އަހަރުގެ އިނގިރޭސި އަންހެން މީހާގެ ފުރާނަ ސަލާމަތްވީ ކާރުން ނިކުމެގެން ގޮސް ކައިރި ރައްޓެސެއްގެ ގެއިން ހިމާޔަތް ހޯދުމުންނެވެ.

އިގިރޭސިވިލާތުގެ ފުލުހުންވަނީ ރާނާ ދުވަން އިން ކާރު ހޯދާފައެވެ. އެއަންހެންމީހާގެ ޑީއެންއޭވެސް ވަނީ އެކާރުން ފެނިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަޖޭ ރާނާ ހުކުމް ތަންފީޒު ކުރާނީ އިންޑިއާގެ ޖަލެއްގައެވެ.

ރޭޕްގެ ކުށް ސާބިތުވެ އިންޑިއާގެ ރައްޔިތަކަށް ހުކުމް ކުރިއިރު ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.