ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ޔަމަންގެ ހަނގުރާމަވެރިން ފޮނުވާލި ހަތް މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އިން ވިދާޅުވެއްޖެއެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަމަލާދޭ ގުޅިފައިވާ އަރަބި ލަޝްކަރުގެ ތަރުޖަމާން ކާނަލް ތުރުކީ އަލް މާލިކް ވިދާޅުވީ ޔަމަނުން ސައުދީ އަރަބިއްޔާ އަށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން ތިން މިސައިލް ފޮނުވާލީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށެވެ. އެއް މިސައިލް ހުޅަނގު ދެކުނުގެ ހާމިސް މުޝައިތު އަށް އަމާޒުކޮށް ފޮނުވާލިއިރު އެއް މިސައިލް ވަނީ ދެކުނު ބޯޑަރު ކައިރީ އޮންނަ ނަޖްރާން އަށް ފޮނުވާލާފައެވެ. އަނެއް ދެމިސައިލް ފޮނުވާލާފައި ވަނީ ދެކުނުގެ ޖައިޒާން އަށެވެ.

މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައި ވީނަމަވެސް މިސައިލްތައް ވައްޓާލި ވަގުތު ބައެއް އާންމުންގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ސައުދީ އަރަބިއްޔާ އިން ކުރަމުންދާ މަސައްކަތައް ހުރަސް އެޅުމުގެ ގޮތުން ދިން މިސައިލް ހަމަލާތަކެކެވެ. ނަމަވެސް މިފަދަ ހަމަލާއެއްގެ ސަބަބުން ސައުދީ އަރަބިއްޔާ ފަހަތައް ނުޖެހޭނެ ކަމަށާއި އަދި އެގައުމުގެ ސިޔާސަތައް ވެސް ބަދަލެއް ނާންނާނެ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މިހަމަލާތައް ދެމުން ގެންދަނީ އީރާނުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހޫތީ ހަނގުރާމަވެރިންނެވެ.