ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަކީ މިނިވަނުންނެވެ. އަމިއްލަ ޘަޤާފަތަކާއި އަމިއްލަވަންތަކަމެއްގެ އަހުލުވެރިންނެވެ. އިސްލާމްދީނުގެ މަތިވެރި ނިއުމަތުގައި ސާބިތުކަންމަތީ ތިބުމުގެ ހެޔޮ ދަރުމަ ލިބިފައިވާ ހަޤީޤީ މިނިވަނުންނެވެ. ބޭރުގެ ހަތުރުންގެ ފަރާތްތަކުންނާއި އެމީހުންގެ ކެހިވެރި މަޅިތަކުން ސަލާމަތްވެފައިވާ ދިވެހިންނެވެ.

މި ހިއްސާކޮށްލެވުނީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތެވެ. ނަމަވެސް ދަންނަވަންތޯއެވެ..! އަޅުގަނޑުމެން މިނިވަންކަންމަތީ އުފަލުގައި ދުވަސްތައް ވޭތުކުރަމުންދާއިރު އަޅުގަނޑުމެންގެ ކިތަށް ލޮބުވެތި އަޚުންނާއި އުޚްތުން ނާމާންކަމާއި ބިރުވެރިކަމާއެކީ ދިރިއުޅޭ ކަމާމެދު ވިސްނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ފަރުދުންބާވެއެވެ. އެ ތަހައްމަލުކުރަމުންދާ ވޭނީއުދާސްތަކުގެ ދިރިއުޅުމާމެދު ވިސްނަވާ ފަރުދެއް މި ޤައުމުގައި އުޅޭ ބާވެއެވެ..؟ އާދެ! ފަލަސްތީނު، ސީރިޔާ، މި ޤައުމުގެތަކުގެ ރައްޔިތުންނާމެދު އަޅާލުމާ އޯގާތެރިކަމުގެ ނަޒަރަކުން ބަލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މުސްލިމު އަޚުންބާވެއެވެ.

ޝައްކެތްނެއްގޮތުގައި އެބައިމީހުންނަކީ ހަމަ އަހަރެމެންކަހަލަ އިންސާނުންނެވެ. އަހަރަމެން ފޮނި ހުވަފެންތައްދެކޭ ފަދައިން އެމީހުންވެސް އުފާވެރި ހުވަފެންތަކެއްދެކޭނެކަން ކަށަވަރެވެ. ކޮންމެ މަޔަކު އޭނާގެ ދަރިފުޅައްޓަކައި އުފާފާގަތި ދިރިއުޅުމަކަށް އެދޭނެއެވެ. ނަމަވެސް ފަލަސްތީނުގެ ކޮންމެ މައެއްގެ ފަރާތުން އިވެމުންދަނީ ޤިސްލުމުގެ އަޑެވެ. މާޔޫސްކަމެވެ. ދަރިންނަށްޓަކައި ކުރަމުންއައި އުއްމީދުގެ ހުޅުކޮޅު ނިވިގެންދާތެނެވެ. އޭ އަޚުންނޭވެ..! އަޅުގަނޑުމެން އުފާވެރިކަންމަތީ މީރުހައި ކެޔުމަކާއި ހިތްހަމަޖެހާ ކަމެއްކުރުމުގައި ވަގުތުތައް ހޭދަކުރަމުންދާއިރު އެ ޤައުމުގެ ކިތައްރައްޔިތުން ބަނޑުހައި ހޫނުކަންމަތީ ދުވަސްތައް ހޭދަކުރާކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާވެއެވެ.؟

އިސްރާއިލްގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދިރި ހުރުމުގެ ހައްޤުވަނީ ފަލަސްތީނުގެ ކޮންމެ ފަރުދަކަށް ގެއްލިފައެވެ. އިންސާނީ ހައްޤުތަކޭ ކިޔާ އަޑުގަދަކޮށް އެ އަޑު މުޅި ޖައްވުގައި ގުގުމުންދާއިރު އެ ބައިމީހުންނަށް ފަލަސްތީނުގައި ހިންގަމުންދާ ހަރަކާތްތައް ނުފެންނީބާވެއެވެ؟ ނޫނީ އެބައިމީހުންގެ ހިއްސުތައް މަދީ ބާވެޔޭ ހިތައްކަށްނާރާހެއްޔެވެ؟ އެމީހުންގެ ތެރޭ ރަހުމާއި ޙަމްދަރުދީގެ ނަޒަރަކުން ބަލާނެ ހަމަ އެންމެ ފަރުދަކުވެސް ނެތީބަވެއެވެ؟

އޭ އަޚުންނޭވެ..!އެ ޤައުމުގައި ދުވާލެއްގެމަށްޗަށް އެތަށް މަޢުސޫމް ކުދިންގެ ފުރާނަދުއްވާލެއެވެ. އެތަށް ކުދިންނެއް އަޅާލާނެ މީހެއްނެތި މާޔޫސްކަންމަތީ އުޅެމުންދެއެވެ. ޔަތީމު ހާލަތުގައި ދިރިއުޅުން އެތަކެއް މަޢުސޫމް ކުދިންނެއްވޭތުކުރަމުންދެއެވެ. އެތަށް ދުވަހެއްގެ ބުރަ މަސައްކަތުން ބިނާކޮށްނިންމާފައިވާ އިމާރާތްތައް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ފަނާވެގެންދަނީ ހިތަށް ފުން އެތެކެއް އަސަރުތަކެއް ކުރާވާހާލު ރޮއްވަމުންނެވެ. ތި އަޚުން ހަމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާހެއްޔެވެ.؟

އަޅުގަނޑުމެންނަކީ އެއް ދީނަކަށް ތަބަވެގެންތިބި ﷲގެ އަޅުތަކުންނެވެ. އެބައިމީހުންނަކީވެސް ހަމަ އެކަލާނގެއަށް ތަބަވެގެންތިބި އަޚުންތަކެކެވެ. މާތް ރަސޫލާގެ ހަދީޘްކުރައްވާފައެވެއެވެ.” ތިމާއަށް އެދޭކަންތައް ތިމާގެ އަޚާއަށްނޭދާހާ ހިނދަކު ތިމާގެ އީމާންކަމެއްފުރިހަމައެއްނުވެއެވެ.” އެހެންކަމުން ތިމާއަމިއްލަ ނަފްސަށްއެދޭ ކަމެއް ފަލަސްތީނުގައި އަނިޔާވެރިކަމުގެ ދަލުގައި ޖެހި ފައިވާ ކޮންމެ ފަރުދަކަށްވެސް އެދެންޖެހޭނެވެ. އެ ފަރުދުންނަކީ ތިމާގެވެސް އެހީތެރިކަމަށް ބޭނުންޖެހިފައިވާ ބަޔެކެވެ. އެގޮތުން އެނުބައި އިސްރާއިލްގެ އަތްދަށުން އެބައިމީހުން ސަލާމަތްކޮށްދެއްވުންއެދި ﷲގެ ހަޞްރަތުން އެދި ދެއްނެވުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަސްޢޫލިއްޔަތެކެވެ.

އާދެ! މިހާރު އެ ޤައުމުގެ ކޮންމެ މުވައްޠިނަކުވެސް ހިތުގެ އާދޭހަކީ އަޅުވެތިކަމުން ސަލާމަތްވުމެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއެކީ އުފަލުގައި ދިރި އުޅެވޭނެ ދުވަހެއްލިބުމެވެ. ނުލިބައިފައިވާ އަމަންއަމާކަންލިބުމެވެ. އެހެންއިންސާނުންފަދައިން ދިރިހުރުމެގެ އުފާ ހާސިލްކުރުމެވެ.

އަޅުގަނޑުގެ ދުއާއަކީ އެންމެހާ ފަލަސްތީނުގެ ރައްޔިތުން އިސްރާއިލްގެ ނުބައި ޖާހިލުންގެ ނުބައި ރޭވުންތަކުން އެބައިމީހުން އަދި މުޅި އިސްލާމީ އުތްމަތް ﷲ ސަލާމަތްކޮށްދެއްވުމެވެ. އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އެބައިމީހުންނަށް ދެއްކެވުމެވެ.މާޔޫސް ވެފައިވާ ކޮންމެ މަޔަކަށް އުފާވެރިކާމާއި ހިތްޖަމަޖެހުންދެއްކެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔޫބު

    ވަރައް އަގުހުރި ފިލާވަޅެއް
    މީ މިއަދު މި ރާއްޖޭގައި އުޅޭ މޮޑިފައިޑް މުސްލިމުން ޙާއްސަކޮއް ވިސްނަންޖެހޭ ކަމެއް

    13
  2. ހަގީގަތް

    މުސްލިމުން އެމީހުންގެ ގޯތިގެދޮރުން ނެރެލެވޭހިނދު ޖިހާދު ކުރުން ވާޖިބު ވެފަ އެއޮތީ. އެ ނިކަމެތި މުސްލިމުންގެ ދިފާއުގައި ޖިހާދު ކުރާމިހާ ވަނީ ޓެރަރިސްޓަކަށް. މުސްލިމު ގައުމުތައް ދެލޯ މަރައިގެން. ޖިހާދަށް މީހަކު ދަންޔާ ޖަލުގެ ކުޑަ ގޮޅިއަށް ލެވޭތޯ ބަލަނީ. އަހަރުމެން ކަހަލަ މުސްލިމުން މިއަދު އުޅޭ ހާލު ފެނުމުން ހިތް ފަޅައިގެންދޭ. އެވަރުން ވެސް މި މުސްލިމުގައުމުގެ ވެރިން އުޅެނީ ބޮޑު ކާފަރަކަށް ސަނާ ކިޔާ އިއްޒަތް ނޭރުވިގެން.

    11
    1