އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ ރާއްޖެ އަށާއި އަވައްޓެރި ލަންކާއަށް ކުރާ ދަތުރުގެ ތެރެއިން މާދަމާ ލަންކާއަށް ވަޑައިގަންނަވާތީ ލަންކާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފަށައިފިއެވެ.

މޯދީ ލަންކާއަށް މި ވަޑައިގަންނަވަނީ މިދިޔަ އެޕްރީލްމަހުގެ އެގައުމަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލާފައިވަނިކޮށެވެ. އޭގެ ތެރޭގައި އިންޑިއާގެ 11 މީހަކު ހިމެނެއެވެ.

އެ ހަމަލާތަކަށްފަހު ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި އޮތް ލަންކާގެ ސަލާމަތީ ފިޔަވަޅުތައް މޯދީގެ ދަތުރުފުޅާއި ދިމާކޮށް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، މިހާރުވެސް އެ ގައުމުގެ މަގުތަކުގައި އިތުރު ސިފައިން ދަނީ ފޯރިމަރަމުންނެވެ.

މާދަމާ ލަންކާއަށް މޯދީ ވަޑައިގަންނަވާއިރު މިއީ އެގައުމަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ މޯދީ ލަންކާއަށް ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު 2017 ވަނަ އަހަރު ލަންކާއަށް މޯދީ ވަނީ ވަޑައިގެންފައެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ފަހަރަށް އިންތިޚާބު ވުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރު ފުޅުގެތެރެއިން މިއަދު މޯދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.

މޯދީގެ ދަތުރުފުޅާއި ދިމާކޮށް މާލޭގެ ގްރީން ޒޯންގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

މޯދީގެ ދަތުރުފުޅުގައި 100 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.މިއީ މޯދީ ރާއްޖެ އަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރައްވާފައެވެ.