އިސްރާއީލުން ނަބުލުސްގައި ހުންނަ ފަލަސްތީނުގެ މައިމަރުކަޒަށް ދިން ނިރުބަވެތި ހަމަލާ ފަލަސްތީނުން ކުއްވެރިކޮށްފައިއެވެ.

ފަލަސްތީނުގެ ހާރިޖިޔާ އިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ނާބުލުސްގައި ހުންނަ ފަލަސްތީނުގެ ސެކުރިޓީ މައި އިދާރާއަށް ގެއްލުން ލިބުނު އިރު އިމާރާތުގައި އެވަގުތު ހުރި ފަލަސްތީނުގެ ސެކުރިޓީ ބަހަލައްޓާ އޮފިސަރެއް ވެސް ޒަހަމުވި ކަމަށެވެ.

ފަލަސްތީނުގެ ހާރިޖިޔާއިން ނެރުނު ބަޔާނުގައި އިތުރަށް ވަނީ މި ހަމަލާގެ މަގުސަދަކީ އެމެރިކާއިން އެކަށައަޅާފައިވާ ގަރުނުގެ އެއްބަސްވުން ފާސް ކުރުމަށް ހަލަބޮލިވެފައިވާ މާހައުލެއް އުފެދުން ކަމަށެވެ.

ނަބުލުސްގެ ގަވަނަރު ވިދާޅުވީ އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ސެކުރިޓީ މައި އިދާރާގެ ތިން ތަނަކަށް ބަޑިން ހަމަލާދީފައެވެ.

ގަރުނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަރަބި ބޮޑެތި ގައުމުތަކުން ފަލަސްތީނަށް ޕްރެޝަރު ކުރާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ފަލަސްތީނުން ބުނެފައި ވަނީ އެ ޕްރެޝަރަށް ނުގުޑާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން "ނިއު ފަލަސްތީން" ނަމަކަށް ކިޔާ ގައުމެއް އުފައްދަން ވަނީ ނިންމާފައެވެ. އެއީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ މައްޗަށް ބާރު ހިންގާ ގައުމެއް ކަމަށާއި ނަމަވެސް މިހާރު ހުޅަނގު އައްސޭރިން އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދު ދެމިއޮންނާނީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ކަމަށް އެއްބަސްވުން ބުނެއެވެ.

ގުދުސް އަކީ ނިއު ފަލަސްތީން އާއި އިސްރާއީލްގެ ވެސް ވެރިރަށް ކަމަށާއި ނަމަވެސް އެއީ އެއްވެސް ގައުމެއްގެ ރަށަކަށް ނުވާނެ ކަމަށް އެއްބަސްވުން ބުނެއެވެ. ނަމަވެސް ގުދުސްގެ މުނިސިޕަލް ހުރިހާ ބާރެއް އޮންނާނީ އިސްރާއީލް ސަރުކާރަށް ކަމަށް ވެސް އެއްބަސްވުން ބުނެއެވެ. އަދި އޭގެ އިތުރުން ފަލަސްތީނުގެ ދިފާއުގައި ސިފައިން ތިބެން ނުޖެހޭނެ ކަމަށާއި، ހުރިހާ ގޮތަކުން ފަލަސްތީނު އަޅުވެތި ކުރަން މަޖުބޫރު ކުރާ މާއްދާތައް އެއްބަސްވުމުގައިވެއެވެ.