ސައުދީ އަރަބިއްޔާ އަށް ހަމަލާ ދޭން އުޅުނު ހޫތީ ހަނގުރާމަވެރިންގެ ދެ ޑްރޯން ވައްޓާލައިފިއެވެ.

ސައުދީ އަރަބިއްޔާގެ އަވައްޓެރި ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާ އިން އިސްވެ އުފައްދާފައި އޮންނަ ލަޝްކަރުގެ ތަރުޖަމާން ކާނަލް ތުރުކީ އަލް-މާލިކީ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޫތީންގެ ދެ ޑްރޯން ވައްޓާލީ ސައުދީ އަރަބިއްޔާގެ އެއާ ޑިފެންސް ސިސްޓަމުން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނީ ޑްރޯން ބޭނުން ކޮށްގެން ހަމަލާދޭން ހަނގުރާމަވެރިން މަސައްކަތް ކުރީ ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ޚާމިސް މުޝައިތު ސަރަހައްދަށް ކަމަށެވެ. ހަމަލާ ދިނުމުގެ ކުރިން ޑްރޯންތައް ވައްޓާލުމުން އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހޫތީން ސައުދީ އަރަބިއްޔާ އަށް ހަމަލާ ދޭން މިމަސައްކަތް ކުރީ ޔަމަންގެ އުތުރުގައި އޮންނަ ހައްޖާ ޕްރޮވިންސްގައި ތިބި ހޫތީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ސައުދީ ކޯލިޝަން ލަޝްކަރުން ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

މިދިޔަ މަހު ވެސް ސައުދީ އަރަބިއްޔާ އިން ވަނީ ހޫތީ ހަނގުރާމަވެރިންގެ ޑްރޯނެއް ވައްޓާލާފައެވެ. އެޑްރޯންގައި ބޮން ވެސް ހަރުކޮށްފައި ހުއްޓެވެ. އެފަހަރު ހޫތީން މަސައްކަތް ކުރީ ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ހަމަލާ ދޭށެވެ.

ޔަމަންގެ ދާހިލީ ހަނގުރާމަ ފެށި، ހޫތީންގެ ބާރު ޔަމަންގައި ގަދަވި ފަހުން ސައުދީ އަރަބިއްޔާ އަށް ހޫތީން ވަނީ މިސައިލް ހަމަލާތައް ވެސް ދީފައެވެ.