ކުށްވެރިން ޗައިނާއާއި ހަވާލުކުރުމާ ބެހޭ ބިލާއި ދެކޮޅަށް ހޮންކޮންގުގައި މުޒާހަރާކުރި މީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގައި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކައިރިއަށް އެއްވެ އެތައް ހާސް ބަޔަކު ކުރަމުންދާ މުޒާހަރާގެ ސަބަބުން މަޖިލީހުގެ ޖަލްސާ މިހާރު ވަނީ ލަސްކޮށްފައެވެ.

މުޒާހަރާކުރަން ގިނަ ބަޔަކު ނުކުތީ އެމީހުންގެ އަޑު ނާހައި އެގާނޫނު ފާސްކުރުމައިގެން ކުރިއަށްދާން ހޮންކޮންގުގެ ސަރުކާރުން ނިންމުމުންނެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މަޖިލިސް ކައިރިއަށް އެއްވި މީހުން ފުލުހުންނާއި ކުރިމަތިލާން ފެށުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން މުޒާހަރާގެ ބައިވެރިނާއި ދެކޮޅަށް ބޭނުން ކޮށްފައެވެ.

މިއީ 1997 ވަނަ އަހަރު ހޮންކޮންގު ޗައިނާގެ ދަށަށް ދިޔަ ފަހުން ފެނިގެން ދިޔަ އެންމެ ވަރުގަދަ މުޒާހަރާއެވެ. ސުލްހަވެރި ގޮތުގައި ފެށި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ މުޒާހަރާކުރަމުން ދިޔަ މީހުން ގާނޫން ހަދާ މަޖިލީހުގެ ކައުންސިލް ކޮމްޕްލެކްސް ތެރެއަށް ވަންނަން މަސައްކަތްކުރުމުންނެވެ.

ކުރިމަތިލުންތަކުގައި އާއްމުންގެ 80 މީހަކަށް އަނިޔާވެފައިވާއިރު، ފުލުހުން ބުނީ އެމީހުންގެ 21 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. މި މުޒާހަރާގައި އާންމުގެ 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެ އައިސީޔޫގައި ދަނީ ފަރުވާ ދެވެމުންނެވެ.

މި ހަފުތާގެ ކުރީކޮޅު މިލިޔަނަކަށްވުރެ ގިނަ މީހުން އެއްވެ އެކަމަށް ގޮވާލުމުންވެސް އެ ބިލް އަނބުރާ ނުނަންގަވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުން މުޒަަހަރާތަކަށް ރައްދުދީ ބުނެފައިވަނީ މިއީ ރާވައިގެން ހިންގި ހަމަނުޖެހުންތަކެއް ކަމުގައެވެ. ހޮންކޮންގަކީ މިނިވަންކަން ދީފައި އޮތް ސަރަހައްދެއް ކަމުގައި ވިޔަސް ޗައިނާގެ މައި ސަރުކާރުން ދަނީ އެތަނުގައި ނުފޫޒު ގަދަކުރަމުންނެވެ. ހޮންކޮންގުގެ ގިނަ ބަޔަކު އެކަމާ ދެކޮޅުހަދައެވެ.