ފަލަސްތީނުގެ ސަރަހައްދަކުން އަމާޒުވި ރޮކެޓް ހަމަލާތަކެއްގެ ރައްދުގައި އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުން ހާމަ ކުރިގޮތުގައި ވައިގެ މަގުން ހަމަލާ ދީފައިވަނީ ހަމާސް އަށް ނިސްބަތްވާ ބިންގަރާސްތަކަކަށެވެ. މި ހަމަލާތަކާއި ގުޅިގެން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ފަލަސްތީނުގެ ތެރެއިން ފޮނުވާލި ރޮކެޓްތައް ވަނީ ކާމިޔާބު ކަމާއެކު އަޔަން ޑޯމްގެ އެހީގައި ވައްޓާލާފައެވެ.

އިސްރާއީލުން ދޭތެރެ ދޭތެރެއިން ދަނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށް ފަހު ޣައްޒާއަށް ވައިގެ މަގުން ހަމަލާދެމުންނެވެ. މިދިޔަ ރޯދަމަސް ފެށުމާއި ދިމާކޮށް އިސްރާއީލަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ރޮކެޓް ހަމާސް އިން ފޮނުވާލުމާއި ގުޅިގެން އިސްރާއީލުން ބަދަލުގައި ޣައްޒާގެ މީހުން ދިރިއުޅޭ 200 އެއްހައި ސަރަޙައްދަށް ހަމަލާތަކެއް ދީފައިވެއެވެ. ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ ޢަދަދު ވަނީ 25 އަށް އެރިއެވެ. މި ހަމަލާތަކުގައި އިސްރާއިލްގެ 4 ޔަހޫދީއަކު ވަނީ މަރުވެފައެވެ.

އިސްރާއީލުގެ ޔަހޫދީން ވަނީ ފާއިތުވެދިޔަ ތަނުގައި ކޮންމެ ރޯދަމަހަކާއިވެސް ދިމާކޮށް ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ޖަރީމާތައް ހިންގާފައެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އިސްރާއީލުން ދިން ފުރަތަމަ ހަމަލާތަކާއި އެކު ހަމާސް އިން ރައްދުގައި ދޭން ފެށި ހަމަލާތަކާއިއެކު އިސްރާއިލް ސިފައިންނަށް ލިބިފައި ވަނީ ބޮޑު ސިހުމެކެވެ.

އިސްރާއީލަކީ ބައިނަލްއަޤުވާމީ އެއްވެސް އެންގުމަކަށް ތަބާ ނުވެ، ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދެމުންދާ ގައުމެކެވެ. އިސްރާއިލުގެ އަނިޔާތައް ހުއްޓުވުމަށް އެހެން ޤައުމުތަކުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެއެވެ.