މިއަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ކެންސަރަށް ފަރުވާއެއް ހޯއްދަވާނެ ކަމަށް އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް ކަން ކުރެއްވި ބައިޑަން ގެންދަވަނީ އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ބައިޑަން އަކީ ޕްރައިމަރީ ކާމިޔާބު ކުރުން އެންމެ ގާތް އެއް ކެނޑިޑޭޓެވެ.

ބައިޑަންގެ ދަރިފުޅު ބާއޯ ވަނީ ސިކުނޑިއަށް ޖެހުނު ކެންސަރެއްގެ ސަބަބުން 2015 ވަނަ އަހަރު މަރުވެފައެވެ.

އަންގާރަ ދުވަހު އޮތް ކެމްޕޭން އެއްވުމުގައި ވާހަކަދައްކަމުން ބައިޑަން ވިދާޅުވީ ކެންސަރަށް ފަރުވާއެއް ހޯދުމަކީ މިހާރު އެމެރިކާ އަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަންތައް ކަމަށާއި އެއީ މުޅި އެމެރިކާ އަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ވައުދުވަން އަޅުގަނޑަށް އެމެރިކާގެ ރައީސް ކަން ލިބިއްޖެނަމަ ތިބޭފުޅުންނަށް ފެނިގެން ދާނެ އެމެރިކާ އަށް އެންމެ ބޮޑު ބަދަލެއް ގެންނާނެ އެއްކަންތައް އަޅުގަނޑުމެން ކުރާ ތަން. އެދުވަހަކުން އަޅުގަނޑުމެން ކެންސަރަށް ފަރުވާއެއް ހޯދާނަން." ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވަނީ ނައިބު ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ކެންސަރަށް މީހުން ހޭލުންތެރިކޮށް ކެންސަރު ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އަމިއްލަ ޖަމިއްޔާ އެއްވެސް އުފައްދަވާފައެވެ.

ކެންސަރުގެ ބައެއް ބާވަތްތަކަށް ހޯދިފައިވާ "ފަރުވާއެއް" ގެ ކްލިނިކަލް ޓްރިއަލް 2020 ވަނަ އަހަރު ފަށާނެ ކަމަށް އެމެރިކާ ނޭޝަނަލް އިންސްޓިއުޓް ކެންސާ އިން ކުރިން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މިއީ ކެންސަރު އެއްކޮށް ރަނގަޅު ކުރެވިދާނެ ފަރުވާއެއް ކަން ލަފާކުރަން ވެސް އަދި ނޭނގެއެވެ.