މިދިޔަ މާޗް މަހު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ހަމަލާދީ 51 މުސްލިމަކު ޝަހީދުކޮށްލި ނިރުބަވެރިޔާ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާ އަކަށް އިންކާރު ކޮށްފިއެވެ.

ހުކުރު ނަމާދަށް ތިބި ބައެއްގެ ގަޔަށް ބަޑި ޖަހާ އެތައް ބަޔަކު ޝަހީދުކޮށްލި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ޓެރަންޓްގެ މައްޗަށެވެ. ކްރިސްޗާޗްގެ ހައިކޯޓުގައި މިއަދު އަޑުއެހުން ކުރިއަށް ގެންދިޔައީ ޓެރަންޓް ހުރި ޖަލާއި އޯޑިއޯ ކޮންފަރެންސަކުން ގުޅާލައިގެންނެވެ. އެއަޑުއެހުމުގައި ޓެރަންޓްގެ ވަކީލު ބުނީ ހުރިހާ ދައުވާ އަކަމަށް ވެސް ޓެރަންޓް އިންކާރު ކުރާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ޓެރަންޓް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޓެރަންޓްގެ މައްޗަށް ވަނީ 51 މީހަކު މަރާލުމުގެ ދައުވާ އާއި 40 މީހަކު މަރާލަން އުޅުމުގެ ދައުވާ އާއި ނިރުބަވެރި ހަމަލާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކު ޖުމްލަ 95 ދައުވާއެއް އުފުލާއެވެ.

މިއަދު ކޯޓުން ބުނީ ޓެރަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް ފަށާނީ އަންނަ އަހަރުގެ މެއި 04 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ އޭނާގެ ޝަރީޢަތުގެ އަޑުއެހުމެއް އޮންނާނެއެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓެރަންޓް ދައުވާތަކަށް އިންކާރު ކޮށްފައި ވަނީ ހުރިހާ ދައުވާއަކަށް އިއުތިރާފުވި ނަމަވެސް އަދި އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވުމާއި، އަދަބު ކަނޑައެޅިގެން ދިއުމުގައި ބަދަލެއް ނާންނާނެތީއެވެ. ބައެއް މައްސަލަތަކުގައި ދައުވާ އަށް އިއުތިރާފް ވުމުން އަދަބު ކުޑަވި ނަމަވެސް މިމައްސަލައިގައި އެފަދަ ފުރުސަތެއް ނެތެވެ. ދައުވާތަކަށް އޭނާ އިންކާރު ކުރީ އެހެންވެގެން ކަމަށް ބެލެވެއެވެ.

މިއަދު އޮތް އަޑުއެހުމެއް ވަރަށް ގިނަ އަދަދެއްގެ މުސްލިމުން ކޯޓަށް ވަނެވެ.