އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު އެކަނިވެސް ވަޅިން ހަމަލާދީ ތިން މީހުން މަރާލައިފިއެވެ. ތިން މީހުން ވެސް މަރާލާފައި ވަނީ ތަފާތު ތިން ހަމަލާއެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަރާލާފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ޒުވާން ފިރިހެނަކާއި 19 އަހަރުގެ ޒުވާން ފިރިހެނެކެވެ. މީގެ ތެރެއިން 18 އަހަރުގެ ޒުވާނާ އާއި 19 އަހަރުގެ ޒުވާނާ މަރާލާފައި ވަނީ ފުރަތަމަ ދިން ހަމަލާ އަށް 12 މިނެޓް ވިތަނުންނެވެ.

ފުލުހުން ބުނާ ގޮތުގައި މިއަދު މަރާލި ތިން މީހުން ވެސް މަރާލާފައި ވަނީ ސީދާ އެމީހުން މަރާލަން ގަސްދުގައި ތިން ހަމަލާތަކުގައި ކަން މިހާތަނަށް ތަޙްޤީޤަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް މިހާދިސާތަކާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ލަންޑަންގެ ހާލަތު ގޯސްވެ، ތޫނު އެއްޗެހިން ހަމަލާދީ މީހުން މެރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު މިހާތަނަށް މިފަދަ ހަމަލާތަކުގައި 59 މީހުން މަރާލާފައިވެއެވެ. އޭގެތެރެއިން 14 މީހުންނަކީ އުމުރުން 16 އަހަރާއި 19 އަހަރުގެ ޒުވާން ފިރިހެނުންނެވެ. އަދި 17 އަހަރުގެ އަންހެން ކުއްޖަކު ވެސް މަރާލި މީހުންގެ ތެރޭގައި ހިމެނެއެވެ.

ލަންޑަންގައި ތޫނު އެއްޗެހިން ހަމަލާދީ މީހުން މެރުން އިތުރުވުމާއި ގުޅިގެން ލަންޑަންގެ މޭޔަރު ޞާދިގު ޚާނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ އަހަރު ވެސް ލަންޑަންގައި ތޫނު އެއްޗެހިން ހަމަލާދީ 132 މީހުން މަރާލިއެވެ. މިއަހަރު މިހާތަނަށް މީހުން މަރާލާފައިވާ ނިސްބަތައް ބަލާއިރު އަހަރު ނިމެންވާއިރު މިދިޔަ އަހަރަށް ވުރެ ގިނަ މީހުން މިއަހަރު މަރާލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.