ފަހުގެ ތާރީޚްގައި އިސްލާމީ ދުނިޔެދުއް އެންމެ ހިތްވަރުގަދަ ލީޑަރު، މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ މިއަދު ކޯޓު ތެރެއަށް ވެއްޓިވަޑައިގެން އަވަހާރަވުމުގެ ކުރިން ކޯޓުތެރޭގައި "އެތައް ސިއްރެއް ހާމަކުރެއްވި" ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.

މުރުސީގެ މިއަދުގެ ޝަރީޢަތް ވެސް ކުރިއަށް ގެންދިޔައީ މުރުސީ ބިއްލޫރި ފޮއްޓެއްގެ ތެރޭގައި ބަހައްޓައިގެން ފަނޑިޔާރު އެފޮށީގެ ބޭރުގައި އިންނަވައިގެންނެވެ. މީގެ ކުރިން ވެސް މުރުސީ އާއި މުސްލިމް ބްރަދަހްޑްގެ އިސް މެންބަރުންގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ އެގޮތަށެވެ.

ވެރިރަށް ގާހިރާގެ "ތޫރާ ޖަލު" ގައި ހަދާފައި ހުންނަ ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތަކީ ފަލަސްތީންގެ ހަމާސް ޖަމާޢަތާއި މުރުސީ ގުޅުން ބޭއްވެވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެކެވެ.

"ސްކައި ނިއުސް" އިން ބުނީ "ބިއްލޫރި ފޮށީގެ ތެރޭގައި ހުންނަވައިގެން މުރުސީ މިއަދު ގިނަ ސިއްރުތަކެއް ހާމަކުރެއްވި" ކަމަށެވެ. ނަމަވެސް އެސިއްރުތަކުގެ ތަފްސީލެއް އަދި މީޑިއާއަށް ނުލިބެއެވެ. މިއަދުގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު ނޫސްވެރިން ވައްދާފައި ނުވާތީ ޝަރީޢަތުގައި މުރުސީ ދެއްކެވި ވާހަކަފުޅު ސާފުވާނީ މުރުސީގެ ވަކީލާއި، ކޯޓުގައި ތިއްބެވި އޮފިޝަލުންގެ ފަރާތުންނެވެ.

މުރުސީ އަވަހާރަވުމާއި ގުޅިގެން އަދިވެސް ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން މުރުސީގެ ވަކީލަށް އަދި މިހާތަނަށް ގިނަ މައުލޫމާތުތައް މީޑިއާ އާއި ހިއްސާ ކުރެވިފައެއް ނުވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުރުސީގެ ވަކީލް ވިދާޅުވީ މުރުސީ ކޯޓުގައި މިއަދު ވެސް ހުންނެވީ ވަރަށް ހަމަޖެހިވަޑައިގެން، ވަރަށް ޖޯޝާއި އެކުގައި ކަމަށެވެ.

މުރުސީ އަވަހާރަވުމާއި ގުޅިގެން މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ކޯޓު ރޫމްގައި ހުރި ސީސީޓީވީ ފުޓޭޖް ބަލައި ކަން ހިނގި ގޮތް ތަޙްޤީޤު ކުރާނެ ކަމަށާއި މުރުސީގެ ޕޯސްޓްމޯޓަމް އެއް ވެސް ހަދަން ނިންމާފައިވާ ކަމަށެވެ.