ޗައިނާގެ ހުޅަނގުދެކުނުގައި އޮންނަ ސިޗުއާން ޕްރޮވިންސަށް ރޭ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 11 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނިގޮތުގައި ފުރަތަމަ ބިހެލުން އައީ ސިޗުއާންގައި އޮންނަ ޗިބިން ސިޓީގެ ޗަންގްނިންގް ކައުންޓީއަށް 6.0 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ޗައިނާގެ ޗިބިން ސިޓީގެ ޗަންގްނިންގް ކައުންޓީއަށް ރޭ އައި ބިންހެލުމަށްފަހު މިއަދު ހެނދުނު ވެސް އެ ސަރަހައްދަށް 5.8 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. ބިންހެލުމުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެ، 200 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތްކުރުމަށް އެމަޖެންސީ ރެސްޕޮންސް ޓީމްތައް މިހާރު ވަނީ ފޮނުވައިފައެވެ.

މީގެއިތުރުން ޗައިނާގެ ރެޑް ކްރޮސް ސޮސައިޓީގެ ޓީމެއް ވެސް މިއަދު ސިޗުއާން ޕްރޮވިންސްއަށް ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޗައިނާ އަށް ބާރުގަދަ ދެބިންހެލުމެއް މިއައީ ދުނިޔޭގެ އެކި ހިސާބުތަކަށް ބާރުގަދަ ބިންހެލުންތަކެއް ނުވަތަ ލޮޅުން ތަލެއް އައިކަން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ ރިކޯޑް ކުރެވިފައިވަނިކޮށެވެ.

ކުއްލި ގޮތަކަށް މިފަދަ ލޮޅުންތަކެއް ދުނިޔެ އަށް އަންނަން ފަށާފައިވާއިރު ބިންހެލުންތަށް އަންނަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ސޮލޮމަން އައިލެންޑްސް, ޖަޕާން, ނިއުޒިލޭންޑް, އިންޑޮނޭޝިއާ, އާޖެންޓީނާ ހިމެނެއެވެ.

މީގެ ދެދުވަސް ކުރިން ވަނީ ނިއުޒިލޭންޑް އަށް 7.2 ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އަދި އިއްޔެ ވަނީ އިންޑޮނޭޝިއާ އަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް ރިކޯޑް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު