އެމެރިކާ އާއި އީރާންގެ ގުޅުން އިތުރަށް ގޯސްވެފައިވާއިރު ގަލްފް އޮފް އޮމާންގައި ދަތުރު ކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރަށް ދީފައިވާ ހަމަލާތަކަކީ އިރާނުން ދީފައިވާ ހަމަލާތަކެއް ކަމަށް އެމެރިކާ އަދި ހުޅަގުގެ ބައެއް ގައުމުތަކުން ތުހުމަތު ކުރަމުން ދަނިކޮށް މެދުއިރުމައްޗަށް އެމެރިކާގެ 1000 ސިފައިންގެ އިތުރު ފައުޖެއް ފޮނުވާން ތައްޔާރު ވަމުންދާ ކަމަށް އެގައުމުން އިއުލާން ކޮށްފިއެވެ.

އެމެރިކާގެ އެކްޓިން ޑިފެސް ސެކްރެޓަރީ ޕެޓްރިކް ޝަހާނަހަން ބުނީ އެމެރިކާއިން އިތުރު 1000 ސިފައިންގެ ފައުޖެއް މެދުއިރުމައްޗަށް ފޮނުވަން މި ނިންމީ ދާދި ފަހުން ގަލްފުގައި ހިންގި ކަންތަތަކުގެ ސަބަބުން އެސަރަހައްދުގައި އީރާންގެ ނުރައްކާ ބޮޑުވާތީ އެކަމާއި ކުރިމަތިލުމަށް ކަމަށެވެ.

އެމެރިކާގެ ސިފައިންގެ އިތުރު ފައުޖެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާއިރު އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި އެކު ގިނަ އަދަދެއްގެ ސިފައިން މިހާރުވެސް ތިބީ ގަލްފުގެ ކަނޑު އޮޅީގައެވެ.

މީގެ އިތުރުން އީރާނުގެ ނުރައްކާ ކުރިމަތިވަމުންދާ ކަމަށްބުނެ، ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ބީ-52 ބޮންއަޅާ މަތިންތާ ބޯޓްތައް ވެސް ފޮނުވާފައިވެއެވެ.

ގަލްފުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ދީފައިވާ ހަމަލާތަކުގެ ފުރަގަހުގައި ޔަގީނުން ވެސް އިިރާނުގެ އަތެއް ވާނެ ކަމަށް އިނގިރޭސި ވިލާތް އެމެރިކާގެ އިތުރުން ސައުދީން ވެސް ތުހުމަތު ކުރަމުން ދާއިރު އީރާއިން އިން ބުނީ މިއީ ކޮންމެ ވެސް ކަމެއް އީރާނުގެ ބޮލުގައި އަޅުވައިގެން އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ރާވާ ރޭވުމެއް ކަމަށެވެ.

އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.