މިސްރުގެ ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ ހަށިކޮޅު ފަސްދާނުލައިފިއެވެ. މުރުސީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މުރުސީ ހައްޔަރު ކޮށްފައި ހުރި ތޯރާ ޖަލުގެ ހޮސްޕިޓަލްގައެވެ.

މުރުސީގެ ޤާނޫނީ ވަކީލް އަބްދުލް މޫމިން އަބްދުލް މަކްސޫދު ވިދާޅުވީ މިސްރުގެ ވެރިރަށް ގާއިރާގެ އިރުމަތީގައި އޮންނަ މަދީނަތު ނަސްރުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލާފައިވާ ކަމަށާއި މުރުސީގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު މިސްރު ސަރުކާރުން ދިނީ ހަމައެކަނި މުރުސީގެ އާއިލާ މެންބަރުންނަށް ކަމަށެވެ.

މުރުސީގެ އާއިލާ އިން ފުރަތަމަ އެދުނީ މުރުސީގެ އާއިލާ މެންބަރުން ފަސްދާނުލާފައިވާ ގަބުރުސްތާނުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލުމަށެވެ. ނަމަވެސް މިސްރު ސަރުކާރުން އެކަމުގެ ހުއްދަ ނުދިނުމުން ދެން އާއިލާ އިން އެދުނީ މުރުސީ އުފަންވި އަދި އުޅެބޮޑުވި އަވަށުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލާށެވެ. ނަމަވެސް މިސްރު ސަރުކާރުން އެކަމުގެ ހުއްދަ ވެސް ނުދީ އެންމެ ފަހުން މުރުސީގެ ހަށިކޮޅު ފަސްދާނުލީ ސަރުކާރުން ބޭނުންވި ތަނުގައެވެ.

މުރުސީ އަވަހާރަވީ އިއްޔެ ކޯޓު ތެރޭގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންނެވެ.

މިސްރުގައި ހުދުމުހުތާރު ވެރިކަމެއް 30 އަހަރު ވަންދެން ކުރި ހުސްނީ މުބާރަކްގެ ވެރިކަން ނިމުނު ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އަދި ހަމައެކަނި ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރައްވައިގެން މުރުސީ މިސްރުގެ ވެރިކަމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރު އެވެ. މިސްރުގެ ސިފައިން ގެނައި ބަޣާވާތެއްގައި މުރުސީ މިސްރުގެ ވެރިކަމުން ދުރުކުރީ 2013 ވަނަ އަހަރު އެވެ. އެބަޣާވާތް ކުރުމުގައި އިސްކޮށް ހުރީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝަމީލް

    އަވަހާރަ ކޮއްލީކަމައް އެބަ ބެލެވޭ..

    26
  2. އަލް ނޫރު

    ހުޅަގު މީހުން ބަހައް ހެއްލި މިސަރުކާރު ވެސް ރޔ އެހެން ހަދަން ތެޅެނީ އިސްލާމީ ޝިޢާރު ނައްތާލުން...

    21
    5
  3. ޒާ

    ނުބައި ނުލަފާ ދައްލާލު ސީސީގެ ވެރިކަންވެސް ރީތިގޮތަކަށް ނިމިގެން ދާތަން ﷲ ދިރިތިބީންނަށް ދައްކަވާނެ.

    34
  4. ޤަމަރު

    ޢަބުރުވެރި އިންސާނެއްގެ އަނިޔާވެރިމަރާއެކު ސީސީ ފައްތާޙަށް ހަމަޖެހިލެވިއްޖެކަމުގައި ދެކޭނަމަ އެއީ މޮޔަ ކަމެކެވެ. ނަތީޖާ ހިތިކޮށްފެންނާނެއެވެ.

    39
  5. ނާޒް

    ???

    17
    1
  6. ހޯހޯ

    ކޮބާ މިގައުމުގަ ތިބި ތިބުބާ ސޯލިހު އެއްޗެއް ބުނެލަން ނުކެރުނު . ކުރިސްޓިއަނެއްނަމަ، ލާދީނީ މީހެއްނަމަ އެންމެފުރަތަމަ ހިތާމަ ކުރާނީ މިޤައުމުން ޕިސް ޕިސް...

    27
    2
  7. މިސްރު

    މިހާރުގެ ރައީސް ސީސީ ވަރައްހިތި ގޮތަކަށް އަނިޔާގެ ހިތި ތަރަހަ ދެކޭނެ .

    43
  8. ރިފާ

    ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެކެވެ. 2000 ރައްޔިތުންގެ ފުރާނަ ބަޑިޖަހާ ދުއްވާލުމަށް ފަހު ހައްޔަރުކުރި އިންތިހާބީ ރައީސް ޖަލުގައިހުރެ ބޭސްފަރުވާ ނުލިބި އެންމެ ފަހުން މަރުއެވީ ކޯޓުގައެވެ. ނަމަވެސް ދުނިޔެ މިކަން ބަޣާވާ ތެއްގެ ގޮތުގަ ސިފަނުކުރެއެވެ. އަދި މި ރައީސް ސަލާމަތްކުރަން އާމާލް ކުލޫނީ އުޅޭތަނެއްވެސް ނުފެނުނެވެ. އަދި ކޮމަންވެލްތުވެސް ކަންބޮޑުވާ ތަނެއް ނުފެނުނެވެ. ނަމަވެސް މި ކުޑަކުޑަ ދޫނި ފިނޮޅުގައި މީހަކުވެސް މަރުނުވެއެވެ. ހައްޔަރެއްވެސް ނުމެ ކުރޭމެއެވެ.އެކަމު މުޅި ދުނިޔެ ހީވީ ކެކޭހެނެވެ. ޔާﷲ ޝައިތާނުންގެ ކުރިމަތީގައި ކެތްތެރިކަން ދެއްވާންދޭވެ.

    11
    1
  9. ސީސީ

    ތިޔަސީސީ އަށް ރަގަޅު ފިލާވަޅެއް ލިބޭނެ. މަރުވީމަވެސް އާއިލާއަށް ގަބުރު ހަވާލް ކުރަންބިރުގަނޭ. ކަށުކަމާކެމީގެ ކަންތައްތައް އެންމެ ފުރިހަމަކޮށް ކުރެވޭތޯ ބެލުމަށް އާއިލާއަށް ފުރުސަތެއްނުދިން. ގަބުރުވެސް ހިފާހައްޔަރުކޮށްގެން ގެންގުޅުމުގެ ވިސްނުން މިގެންގުޅެނީ. ނުލަފާވެރިން ފެނެއެއްނު.

    10
  10. ކަމަނަ

    ފުރާނަ ފުޅަށް ހެޔޮރަޙުމަތް މިންވަރު ކުރަށްވާށި.

    21
  11. މަނާހު

    ސަރުކާރަށް ބާރުފޯރުވޭނީ މުރުސީގެ ހަށިގަނޑުގެ މައްޗަށެވެ. ޢެހެންނަމަވެސް ފުރާނައިގެ މައްޗަކަށް ބާރެއް ނުހިންގޭނެކަން ކަށަވަރެވެ. ﷲ އެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

    27