ބާރުގަދަ ބިންހެލުމަކާއިއެކު ޖަޕާނަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ބިންހެލުން މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ބިންހެލުން އައީ މެގްނެޓިއުޓް 6.8 ގެ ބާރުމިނުގައި ޖަޕާނުގެ އުތުރު އިރުން ހޮންޝޫގެ ކައިރިން ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ކަނޑުގެ އަޑިއަށް ތިލަ ކޮށް އަައި މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ ޔަމަގަޓާ, ނިގަޓާ ,އިޝިކަވާ ޕްރިފެކްޗަރ އަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. ޖަޕާންގެ މިޓިއޮރޮލޮޖިކަލް އެޖެންސީއިން ސުނާމީގެ އިންޒާރު ދިން ނަމަވެސް ޕެސިފިކް ސުނާމީ ވާނިންގް ސެންޓަރުން ބުނީ ގެއްލުން ބޮޑު ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ޖަޕާނުގެ މިޓިއޮރޮލޮޖިކަލް އެޖެންސީ އިން ނެރުނު އިންޒާރުގައި ވާގޮތުން ބިންހެލުން އައި އެޕިސެންޓަރ ގައި އެއް މީޓަރުގެ އުސް ރާޅު އުފެދިފާނެއެވެ.

މީސް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުން ވެރިރަށް ޓޯކިޔޯގެ އިމާރަތްތަށް ބިންހެލުމާއި ގުޅިގެން ހެލޭތަން ފެނެއެވެ. ނަމަވެސް އަދި މިހާތަނަށް މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވަައިރު ދުނިޔޭ އެކި ހިސާބުތަކަށް މި ހަފްތާގައި ދަނީ އެކި ވަރުގެ ބިންހެލުތަށް އާދަޔާ ހިލާފަށް ގިނައިން އަންނަމުންނެވެ. އެގޮތުން ރޭ ޗައިނާ އަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 12 މީހުން މަރުވި ކަން ވަނީ ރިޕޯޓް ކޮށްފައެވެ.

2011 ވަނަ އަހަރު މޭ މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް 8.9 ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގެ ސަބަބުން، އެ ޤައުމަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާ ވަރުގެ ޤުދުރަތީ މުސީބާތެއް ވަނީ ކުރިމަތިވެފައެވެ.

ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ބިޔަ ރާޅުތަކުގައި ޖަޕާނުގެ އެތައް ޝަހަރަކާއި އެތައް އަވަށެއް ސުންނާފަތި ވިއިރު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24000 އަށް ވުރެން މަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު