ރޭ އަވަހާރަވި މިސްރުގެ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ ޖަނާޒާ އާއި ކަށުނަމާދުގައި އަނބިކަނބަލުން ނަގްލާ މަހްމޫދު އަށް ބައިވެރިވެ ވަޑައިނުގެންނެވުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުރުސީ އަވަހާރަވުމުން އާއިލާ އިން ފުރަތަމަ އެދުނީ މުރުސީގެ ހަށިކޮޅު އާއިލާ އާއި ހަވާލު ކުރުމަށެވެ. ނަމަވެސް މިސްރުގެ އަނިޔާވެރި، ހުދުމުހުތާރު ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ދެން މުރުސީގެ އާއިލާ އިން އެދުނީ ސަރުކާރުގެ ބެލުމުގެ ދަށުން މުރުސީގެ ޖަނާޒާ ބޭއްވި ނަމަވެސް މުރުސީ އާއިލާ އިން މީގެ ކުރިން އަވަހާރަވެފައިވާ ބޭފުޅުން ފަސްދާނުލާފައިވާ ގަބުރުސްތާނުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލާށެވެ. އެކަމަށް ވެސް ސަރުކާރުން ދެކޮޅު ހެދުމުން މުރުސީގެ އާއިލާ އިން އެދުނީ މުރުސީ އުފަންވެ ވަޑައިގެންނެވި، އަދި އުޅެބޮޑުވި އަވަށުގައި މުރުސީގެ ހަށިކޮޅު ފަސްދާނުލައިދިނުމަށެވެ. ނަމަވެސް މިސްރު ސަރުކާރުން އެކަން ވެސް ކޮށްނުދިނެވެ.

މުރުސީގެ ހަށިކޮޅު ފަސްދާނުލީ ގާހިރާ ގައެވެ. އެއީ ސަރުކާރުން މުރުސީގެ ހަށިކޮޅު ފަސްދާނުލާން ބޭނުންވި ތަނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުރުސީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުނީ ދެދަރިކަލުންނަށެވެ. އަނބިކަނބަލުން ނަގްލާ އަށާއި އެހެން ދަރިންނަށް ޖަނާޒާގައި ބައިވެރިވެ ވަޑައިނުގެންނެވުނީ އެބޭފުޅުން އެވަގުތު ގާހިރާގައި ވަޑައިގެން ނެތުމުންނެވެ.

މުރުސީ އާއި ނަގްލާ އަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ އަންހެން ބޭކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނެވެ.

ރޭ މެންދަމު މުރުސީގެ ހަށިކޮޅު ވަނީ ފަސްދާނުލާފައެވެ. އެހެންކަމުން ގާހިރާ އިން ބޭރުގައި ދިރިއުޅޭ އާއިލާ މެންބަރުންނަށް ގާހިރާ އަށް ދެވުމުގެ ކުރިން ޖަނާޒާގެ ހުރިހާ ކަމެއް ވަނީ ނިންމާފައެވެ.

މުރުސީގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ މިސްރުގެ އާދަކާދަ އާއި ވެސް ހިލާފަށެވެ. މިސްރުގެ އާދަކާދަ އޮންނަ ގޮތުން ހަވީރު ނުވަތަ ރޭގަނޑު ނިޔާވާ މީހުން ވަޅުލާނީ އަނެއް ދުވަހު އިރުއެރުމުންނެވެ. އަދި ވަރަށް ހާއްސަ ހާލަތެއްގައި ނޫނީ އެމީހަކު ވަޅު ލާނީ އެމީހަކު އުޅެ ބޮޑުވި ރަށެއްގައެވެ.

މުރުސީގެ މައްޗަށް ކަށު ނަމާދު ކުރުން މިސްރުގައި މަނާކޮށްފައި ވީނަމަވެސް ބައެއް އިސްލާމީ ގައުމުތަކުގައި މިއަދު ވަނީ މުރުސީގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވަޒިޔާން

  ފިރުއައުނު ސީސީ އައް ހަތް އުޑުމަތީން ގަދަފަދަ އަޒާބާއި ހަލާކު ބާއްވާލައްވާށި.

  41
 2. ވަހުތާނު އަހުމަދު

  ޕިސް ޕިސް .. ކީކޭދެންބުނާނީ ؟ ކުރީގެފިރުއައުނުންނަށްވުރެންވެސް ނުބައި ޖައްބާރު ޖާހިލުވެރިއެއްތާ މިހާރުއެހުރި ސީސީ ކެމެރާއަކީ ... އެނުލަފާ އަނިޔާވެރި ކެމެރާއަށް ލައުނަތްލައްވާށި

  40
 3. މޮހަނު

  މަރުވެފަ އޮތް މައްޔިއެއްގެ މައްޗަށް ދިރިތިބީން ހެޔޮ ދުޢާކުރުން ވެސް މިއޮތީ މަނާކޮށްފަ، ބަޔަކު ކިތަންމެ ވަރަކަށް މަނާކުރިޔަސް އެމީހަކު ކޮށްފައިވާ ޢަމަލުތަކާއި މެދު އެންމެ ފަހުގެ ނިޔާ ކަނޑަ އެޅުންވާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ

  64