މިސްރުގެ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ އަވަހަރާވީ ގުދުރަތީ މަރަކުން ނޫން ކަމަށާއި މުރުސީ ވަނީ ގަސްދުގައި އަވަހާރަކޮށްލާފައި ކަމަށް ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވެއްޖެއެވެ.

މުރުސީ އަވަހާރަވީ މިދިޔަ ހޯމަ ދުވަހު ވެރިރަށް ގާހިރާގައި މުރުސީ ހައްޔަރު ކޮށްފައި ހުންނަ ޖަލުގައި ގާއިމުކޮށްފައި ހުންނަ ކޯޓު ރޫމުގެ ތެރެއަށް ވެއްޓިވަޑައިގެންނެވި ފަހުންނެވެ.

އިސްތަންބޫލްގައި މިއަދު ދެއްވި ޓީވީ އިންޓަވިއުއެއްގައި އުރުދޮގާން ވިދާޅުވީ މުރުސީގެ މަރަކީ ގުދުރަތީ މަރެއް ނޫންކަމަށާއި މުރުސީ ވަނީ ގަސްދުގައި އަވަހާރަކޮށްލާފައި ކަމަށެވެ. މުރުސީ ވެއްޓިވަޑައިގެންނެވުމުން ވެސް މުރުސީ ސަލާމަތް ކުރަން އެތަނުގައި ތިބި އޮފިޝަލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އުރުދޮގާން ވިދާޅުވިއެވެ.

މުރުސީގެ މައްޗަށް އިއްޔެ ތުރުކީގައި ކުރި ކަށުނަމާދުގެ ކުރިން ވެސް އުރުދޮގާން ވަނީ މުރުސީ އަވަހާރަވުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުރުސީ ވަނީ ގަސްދުގައި އަވަހާރަކޮށްލާފައި ކަމަށް އިއްޔެ އުރުދޮގާން ވިދާޅެއް ނުވެއެވެ. އެހެންކަމުން މިއަދު އޭނާ އެހެން ވިދާޅުވީ އިތުރު މައުލޫމާތުތަކެއް ލިބިގެން ކަމަށް ބެލެވެއެވެ.

"މިއީ ގުދުރަތީ މަރަކަށް ވީނަމަވެސް، އެހެން ކަންތައްތަކެއް މިކަމުގައި ހިމެނިފައިވާ ކަމަށް ތުހުމަތު ކުރެވޭ. އަޅުގަނޑު އަމިއްލަ އަށް ގަބޫލު ކުރަނީ މުރުސީގެ މަރަކީ ގުދުރަތީ މަރެއް ނޫންކަމަށް." އުރުދޮގާން ވިދާޅުވިއެވެ.

އުރުދޮގާން ވަނީ މުރުސީ އަވަހާރަވުމުން ވެސް މުރުސީގެ ހަށިގަނޑު އާއިލާ އާއި ހަވާލުނުކޮށް ފަސްދާނުލާފައި ވާތީ އެކަން ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައެވެ.

އުރުދޮގާން ވަނީ މުރުސީގެ މަރާއި ގުޅިގެން "މިހާރުން މިހާރަށް އަޅަން ޖެހިފައިވާ ފިޔަވަޅުތައް އެޅުމަށް" އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަނަށް ގޮވާލާފައެވެ.

އދ.އިން ވެސް ވަނީ މުރުސީގެ މަރުގެ ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް މިސްރުން ވަނީ އދ.ގެ ގޮވާލުންތަކަށް ދެކޮޅު ހަދާފަައެވެ. މިސްރުން ބުނެފައި ވަނީ އދ.އިން އުޅެނީ މުރުސީގެ މަރު ސިޔާސީ ކުރަން ކަމަށެވެ.