2014 ވަނަ އަހަރުގެ މާޗް 08 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރު އިން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ކަނޑަށް ވައްޓާލީ ޕައިލެޓް ގަސްދުގައި ކަމަށާއި ފްލައިޓް ކަނޑަށް ވައްޓަލުމުގެ ކުރިން އޮކްސިޖަން ނުދީ ހުރިހާ ފަސެންޖަރުން މަރާލި ކަމަށް ލަފާކުރެވޭ ކަމުގެ އެހާދިސާ އާއި ގުޅޭ ރިޕޯޓެއް ބުނެފިއެވެ.

އަމިއްލަ ގޮތުން އެހާދިސާ ތަޙްޤީޤު ކުރި ޓީމަކުން ތައްޔާރު ކުރި ރިޕޯޓެއް ބުނާ ގޮތުގައި 239 މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ފްލައިޓް ވައްޓާލުމަކީ ފަސެންޖަރުން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވުމަށް ހިންގި އަމަލެކެވެ.

މިގޮތައް ނިންމާފައި ވަނީ ރިޕޯޓަށް މައުލޫމާތު ދީފައިވާ މީހުންނާއި، ފްލައިޓް ދަތުރު ކުރި ގޮތް އިތުރަށް ދިރާސާ ކުރުމަށް ފަހު އެވެ.

ފްލައިޓް ދުއްވަން އިން ކެޕްޓަނީ ޒަހާރީ އަހްމަދު ޝާހް އެވެ. ފްލައިޓް ގެއްލުމުގެ ހާދިސާ ހިނގީ އުމުރުން 53 އަހަރުގެ ޝާހް ދޫކޮށްލުމަށް ފަހު އޭނާގެ އަނބިމީހާ ދިޔަތާ ދުވަސްތަކެއް ފަހުންނެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހި ވަކިވިފަހުން ޝާހް ވަނީ ޑިޕްރެޝަނަށް ހުށަހެޅިފައިވާ ކަމަށާއި، ގިނަ ވަގުތު އޭނާ ހޭދަކުރަމުން ދިޔައީ ވެސް އެކަނި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމްއެޗް 370 ގެއްލުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ޝާހްގެ އަންހެން ދަރިފުޅު ވަނީ އޭނާގެ ބައްޕަ ފްލައިޓެއް ގަސްދުގައި ވައްޓާލަފާނެ ކަމަށް ބައެއް މީހުން ކައިރީގައި ބުނެފައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ފްލައިޓުން އޮކްސިޖަން ހުސްކޮށްލުމަށް ފަހު މާސްކްތައް ތިރިކޮށްފައިވާ ކަމަށާއި އެހެން ހެދުމުން ފަސެންޖަރުންނަށް ނޭވާ ލެވޭނީ 15 ވަރަކަށް މިނެޓް ކަމަށެވެ. ނަމަވެސް ކޮކްޕިޓްގައި ހުންނަ އޮކްސިޖަން އިން އެތައް ގަޑިއިރެއް ވަންދެން ޕައިލެޓުންނަށް ނޭވާ ލެވޭނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ލަފާކުރެވޭ ގޮތުގައި ކެޕްޓަން ޝާހް ވަނީ ފުރަތަމަ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް މަރާލާފައެވެ. ފަސެންޖަރުންނަށް އޮކްސިޖަން ނުލިބޭ ގޮތް ހެދީ އޭގެ ފަހުންނެވެ.

މިރިޕޯޓްގައި ހުރި ވާހަކަތަކަކީ ވެސް ލަފާކުރުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މައުލޫމާތުތަކެވެ. ހަޤީޤަތުގައި އެމްއެޗް 370 އަށް ވީގޮތެއް ޔަގީންކަމާއި އެކު ބުނެދެވޭނެ ގޮތެއް މިހާރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީވެސްޤައުމެއް

    ކުދަހުވަދޫ ސަރަހައްދުން އެމްއެޗް 370 ފްލައިޓް ފެނުނު ވާހަކަ ބުނީމާވެސް އެވެސް ފަރާތަކުން އެކަން ޤަބޫލް ނުކުރި، ހުންނާނީ މިހާރު ހޭއަރާފަ!

    40
    2
  2. ބުނެބަލަ

    ތިޔަބައިމީހުން ހީކުރާ ހީކުރުންތަކާ ދުރުވާށޯ ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެއްކަމުގައި މެނުވީނުވެޔޭ

    45
  3. އަމީ

    ވައްޓާލީ ކޮންތާކަށް ހޭ؟

    28