މިއީ މިސްރެއް ނޫން ކަމަށާއި ބައްޕަ ދެވަނަ މުރުސީ އަކަށް ވެ މި ދުނިޔެ ދޫކުރަން ދެން ބަލަން ނުތިބޭނެ ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފްގެ ދަރިކަނބަލުން މަރިއަމް ނަވާޒް ވިދާޅުވެއްޖެއެވެ.

އަސްކަރީ ބަގާވާތަކުން މަގާމުން ދުރުކުރި މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީ އަވަހާރަވީ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ހާލު ސީރިއަސްވެ ކޯޓްތެރޭގައި މިދިޔަ ހަފްތާގައެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޕާކިސްތާނު މުސްލިމު ލީގު ނަވާޒް (ޕީ.އެމް.އެލް.އެން)ގެ ނައިބު ރައީސާ މަރިއަމް ނަވާޒް ވިދާޅުވީ ސަރުކާރުން އޭނާގެ ބައްޕަގެ ބޭސް ފަރުވާ އަށް ހުރަސް އަޅަމުން ދާކަމަށާއި ބޭސް ފަރުވާ ފޯރުކޮށްދެވެމުން ނުދިއުމުގެ ސަބަބުން ފުރާނަފުޅަށް ނުރައްކާވެފައި ވާކަމަށެވެ.

"ބައްޕަ ސާޖަރީއެއް ހަދަން ޖެހޭ. ހާލު ވަރަށް ނާޒުކު. މިހާރުން މިހާރަށްވެސް ފަރުވާ ބޭނުންވޭ. ސަރުކާރުން ބައްޕަގެ ބޭސް ފަރުވާ އަށް ހުރަސް އަޅަމުން ބޭސް ފަރުވާ ފޯރުކޮށްދެވެމުން ނުދިއުމުގެ ސަބަބުން ފުރާނަފުޅަށް ވަނީ ނުރައްކާވެފައި" މަރިއަމް ނަވާޒް ވިދާޅުވިއެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވަނީ ބޭސްފަރުވާއަށް ގައުމުން ބޭރަށް ދާން ހުއްދައަކަށް މިއަހަރުގެ އޭޕްރިލް މަހު ސަރުކާރުގެ ކިބައިން އެދިފައެވެ. ނަމަވެސް ސަރުކާރުން އެހުއްދަ ދީފައެއް ނުވެއެވެ.
.
މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ނިންމުމަށް ފަހުއެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ވިދާޅުވެފައިވެއެވެ.