ސްޕެއިންގެ ރަށެއްކަމަށްވާ ސެއުޓާ ގެ މިސްކިތަކަށް މިއަދު ބަޑިން ހަމަލާދީފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން ސްޕެއިންގެ މިރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ މައުލާޔަ އަލްމަހްދީ މިސްކިތަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ދެ މީހެކެވެ.

ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ ދެ މީހަކު ވަނީ މިއަދު ފަތިސް ނަމާދު ވަގުތު ސެއުޓާގެ މިސްކިތަކަށް އަމާޒުކޮށް ބަޑިޖަހާފައެވެ. އެމީހުން ޖެހީ ހަތަރު ވަޒަން ކަމަށް ރިޕޯޓް ތަށް ބުނާ އިރު މިސްކިތަށް ހަމަލާދިނުމުގެ މަގުސަދު އަދި ސާފެއް ނުވެއެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހުން ބަޑިޖެހީ އަލްމަހްދީ މިސްކިތުން ފަތިސް ނަމާދުކޮށް ފޭބި މީހުންނާ ދިމާއަށެވެ. އެހެން ނަމަވެސް މާތްﷲ ގެ އިރާދަފުޅުން އެއްވެސް މީހަކަށް މިހަމަލާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސްޕެއިންގެ ސަރުކާރުން ބުނީ ހަމަލާގައި މިސްކިތަށް ތިން ވަޒަން އަރާފައިވާ ކަމަށާއި އެއްވެސް މީހަކަށް މިހަމަލާގައި އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. މި ހަމަލާއަށް ފަހު މިސްކިތް ހުރި ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

މައުލާޔަ އަލްމަހްދީ މިސްކިތަކީ 1600 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްފައިވަނީ 1940 ވަނަ އަހަރުގައެވެ.

ސެއުޓާގެ މުސްލިމުންގެ ނިސްބަތަކީ 45 އިންސަތަ އެވެ. 15 އަކަ ކިލޯމީޓަރު ހުންނަ މިރަށުގެ އާބާދީއަކީ 85 ހާސް މީހުންނެވެ.

ސްޕެއިންގެ މިސްކިތަކަަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދިން އިރު ހުޅަނގުގެ އެހެން ގައުމުތަކުގެ މިސްކިތްތަކަަށްވެސް ދޭތެރެ ދޭތެރެއިން މިހަކަލަ ނުރައްކާތެރި ހަމަލާތަށް ދެމުން ދެއެވެ. އެންމެ ފަހުން މި ޒާތުގެ ހަމަލާއެއް ދިނީ ނިއުޒިލޭންޑްގެ މިސްކިތްކަށެވެ. އެ ހަމަލާގައި އެވަގުތު މިސްކިތުގައި ނަމާދުކުރަން ތިބި އެތަށް މުސްލިމުންނެއް މަރުވިއެވެ.