އީރާނުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އޭނާގެ އަރިސް ބައެއް ބޭފުޅުންނާއި ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާޔަތުﷲ ޚާމަނާއީ އާއި އޭނާގެ އަރިސް ބޭފުޅުންނަށް ހާއްސަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ރިޔާސީ ޤަރާރުގައި ރޭ ސޮއި ކޮށްފައެވެ.

ޓްރަމްޕް މިޤަރާރުގައި ސޮއި ކުރުމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ އެމެރިކާ އާއި އީރާނުގެ ހާރިޖީ ހުރިހާ ގުޅުމެއް އުމުރު ދުވަހަށް ދެން ނިމިގެން ދިޔައީ ކަމަށާއި ދުވަހަކު ވެސް އެމެރިކާ އާއި އީރާނުން ގުޅުން ބަދަހިނުކުރާނެ ކަމަށެވެ.

އީރާނާއި އެމެރިކާގެ ގުޅުން އަނެއްކާ ވެސް އިތުރަށް ގޯސްވެފައި މިވަނީ މިދިޔަ ހަފްތާގައި އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލުމުންނެވެ. އީރާނުން ވައްޓާލި އެމެރިކާގެ ޑްރޯންގެ އަގު 100 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޓްރަމްޕް ރޭ ސޮއި ކުރި ޤަރާރުގެ ދަށުން އާޔަތުﷲ ޚާމަނާއީ އާއި އޭނާގެ އަރިސް ބޭފުޅުންނަށް އެމެރިކާ ސަރުކާރުގެ އެއްވެސް އިދާރާ އަކާއި، އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ކުންފުންޏަކާއި އެކު އެއްވެސް މާލީ މުއާމަލާތެއް ނުހިންގޭނެއެވެ. އަދި އާޔަތުﷲ ޚާމަނާއީ އާއި އޭނާގެ އަރިސް ބޭފުޅުންގެ އެއްވެސް ފައިސާއެއް، ނުވަތަ މުދަލެއް އެމެރިކާގެ ބާރު ހިނގާ އެއްވެސް ތަނެއްގައި ހުރެއްޖެނަމަ އެއެއްޗެއް ފްރީޒް ކުރުމުގެ ބާރު ވެސް ރޭ ޓްރަމްޕް ސޮއި ކުރި ޤަރާރާއި އެކު އެމެރިކާގެ ފިނޭންސް ސެކްރެޓަރީ އަށް ލިބިގެންދާނެއެވެ.

އެމެރިކާ އާއި އީރާނުގެ ގުޅުން މިހާރު ގޯސްވެފައިވާ މިންވަރަށް ބަލާއިރު ދެގައުމުން ކުއްލިއަކަށް ހަމަލާ ބަދަލުކުރަން ވެސް ފަށާފާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓެލެފޯނު

    ހުރިހާގުޅުމެއްކަނޑާލާ .. މާ ލަސްވެސްވެއްޖެ ...

    16
    1
  2. އަޙްމަދް

    الحمدالله
    އުފާކޮށްފިން. ޝީޢީ ރާފިލީން ގެ (އާޔަތުއްލާތުން) ނާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިކަން ތީވާ ހާދަހާ ރަންގަޅު މޮޅުކަމެކެވެ.

    5
    31
  3. ހަލޯ ހަލޯ!

    ހެހެ.. އީރާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި އޮއްވާ ޑްރޯން މަތިންދާ ބޯޓު ވައްޓާލީމަ ހާދަ ލަދުން ކަޑަ ވެގެން ޓްރަމްޕްމެން ތިއުޅެނީ.

    15