ބާރުގަދަ ތިލަ ބިންހެލުމެއް ޕެނަމާ އާއި ކޮސްޓަރިކާ ގުޅޭ ބޯޑަރަށް މިއަދު އަތުވެއްޖެއެވެ.

ބިންހެލުން މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ބިންހެލުން އައީ މެގްނެޓިއުޓް 6.4 ގެ ބާރުމިނުގައި ޕެނަމާގެ ޑޭވިޑް ސިޓީގެ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައިނުވާއިރު މި ހަފްތާ ފާހަގަ ކުރެވެނީ ދުނިޔޭގެ އެކި ހިސާބުތަކަށް ބިންހެލުން އައުން ގިނަ ހަފްތާއެއްގެ ގޮތުގައެވެ.

ކުއްލި ގޮތަކަށް މިފަދަ ލޮޅުންތަކެއް ދުނިޔެ އަށް އަންނަން ފަށާފައިވާއިރު ބިންހެލުންތައް އަންނަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ސޮލޮމަން އައިލެންޑްސް, ޖަޕާން, ނިއުޒިލޭންޑް, އިންޑޮނޭޝިއާ, އާޖެންޓީނާ ހިމެނެއެވެ.

މި އަހަރުގެ މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރިކޯޑް ކުރެވިފައިވަނީ ޗިލީ އަށެވެ. އެއީ 8.0 ގެ ބާރުމިނުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފއިވާއިރު ފަހުގެ ތާރިޚެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. އެއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހެލުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެ ގިނަ މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.