ލަންކާގައި ދެވުނު ނިރުބަވެރި ހަމަލާ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމުގެ ކުށުގައި ލަންކާގެ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް ޕުޖިތު ޖަޔާސުންދަރާއި ކުރީގެ ޑިފެންސް ސެކެޓްރީ ހެމަސިރީ ފަރނަންޑޯ ހައްޔަރުކޮށްފިއެވެ.

މި ދެ ބޭފުޅުންވެސް ހައްޔަރު ކުރެވުނު އިރު ގެންދެވީ ތަފާތު ދެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ކަމަށް ލަންކާގެ މީޑިޔާ ތަރުޖަމާނު ގުނަސޭކަރަ މައުލޫމާތު ދީފައި ވެއެވެ.

މި ދެ ބޭފުޅުން ހައްޔަރު ކުރީދައުލަތުގެ ބަންޑާރަ ނައިބު އެ ދެބޭފުޅުންގެ މައްޗަށް ޤާނޫނީ ގޮތުން އިހްމާލްވުމުގެ ކުށުގެ ދައުވާ އާއި އިންސާނިއްޔަތާއި ދެކޮޅަށް ކަމެއް ކުރުމުގެ ކުށުގެ ދައުވާ އުފުލަން ބޭނުންފުޅު ވާކަމަށް ބުނެ ލިޔުނު ސިޓީއަކާއި ގުޅިގެންނެވެ. އޭނާގެ ސިޓީ ލިޔެފައިވަނީ އެމީހުންގެ އިހްމާލަކީ ބައިނަލް އަޤްވާމީގޮތުން ބަލާނަމަ އިންސާނިއްޔަތާއި ދެކޮޅަން ހިންގުނު ބޮޑު ޖަރީމާއެއް ކަމަށެވެ. އެ ދެބޭފުޅުންގެ އިތުރުން ސިފައިންގެ އިސްސަފުގައި ހިމެނޭ އިތުރު 9 މީހެއްގެ ނަން އެ ސިޓީގައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕުޖިތު ޖަޔާސުންދުރަ ހައްޔަރު ކުރެވިފައިވަނީ ނިރުބަވެރި ހަމަލާއެއް އަންނާނެކަން އެނގިހުރެ އެކަމާއި ދެކޮޅަށް ކަމެއް ނުކުރުމަކީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމުގައި އެގައުމުގެ ބަންޑާރަ ނައިބު ނިންމުމުންނެވެ.

ލަންކާގައި "އީސްޓަރ ސަންޑޭ" ދެވުނު ނިރުބަވެރި ހަމަލާދިނުމުގެ ކުރިން އިންޑިޔާ ޖާސޫސީ އިދާރާތަކުން ވަނީ އެކަމުގެ ޚަބަރުތައް ލަންކާގެ ފުލުހުންނާއި ހިއްސާކޮށްފައެވެ.